ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އެއްވެސް ގައުމަކާ ދޭތެރޭ ހިތް ނުތަނަވަސްކަމެއް ނެތް: ޝާހިދު

ފަތޯނާ ފާއިޒު

މި ސަރުކާރުން އެއްވެސް ގައުމަކާ ދޭތެރޭގައި ކުޑާމީސް ބަހެއް ނުބުނާ ކަމަށާއި އަދި ހިތުގައި ނުތަނަވަސްކަމެއް ވެސް ނުގެންގުޅޭ ކަަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޗައިނާއާއެކު ގުޅުން ބަދަހި ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާ ގުޅޭގޮތުން ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަަވަމުން ޝާހިދު ވިދާޅުވީ ޗައިނާއަކީ ދިވެހިރާއްޖެއަށް ގިނަ ރޮނގުތަކަކުން ދިގު މުއްދަތެއްގައި އެހީތެރިވަމުން އައި ގައުމެއް ކަމަށެވެ.

"ހަގީގަތް ވާނީ ހަގީގަތަކަށް. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހައުސިން ޕްރޮޖެކްޓްތަކެއް ފެށުމުގައި އެހީތެރިވެދީފައިވަނީ ޗައިނާއިން. މިހާރުވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ޗައިނާއިން އެބަ ކުރިއަށްގެންދޭ. ހުޅުމާލެއާއި މާލެއާ ދޭތެރޭ މިއޮތް ބުރިޖުގެ ހަރަދުގެ ތެރެއިން އެއް ބަޔަކީ ޗައިނާގެ ހިލޭ އެހީ. އަނެއް ބަޔަކީ ލޯނު އެހީ. މިހުރި ކަންތައްތައް ވާނީ ހަގީގަތަކަށް،"

ޝާހިދު ވިދާޅުވީ ޗައިނާ ސަރުކާރަކުން ނުވަތަ އެހެން ސަރުކާރަކުން ދިން ނަމަވެސް ކޮރަޕްޓް ސަރުކާރެއްގައި ތިބޭ ބަޔަކު އެ އެހީގެ ބޭނުން ހިފާ ހިފުން ކުށްވެރި ކުރާ ކަމަށެވެ. މިހާތަނަށް އައި އިރު، ސަރުކާރުން ޗައިނާގެ ސަފީރާއި އެގައުމުގެ ސަރުކާރާއެކު ވަރަށް ގާތްކޮށް އިގްތިސާދީ އަދި ތަރައްގީގެ ވާހަކަތައް ދައްކަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި އެ ކަންތައްތަކުގައި ޗައިނާ ސަރުކާރުން ބައިވެރިވެވޭނީ ކޮން ގޮތަކަށް، ކޮން ބީދައަކުންތޯ އޮޅުން ފިލުވައި، ދެ ގައުމުގެ ވާހަކަތައް އެއްގޮތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދަށް ދަތިތަކެއް ދިމާވެ، އެކަންތައްތައް ހައްލުކުރަން މަޝްވަރާކުރާ އިރު، ޗައިނާ ސަރުކާރުންނާއި އަވަށްޓެރި އެހެން ގައުމުތަކުން އެކަމުގައި އެހީތެރިވާނެ ކަމަށެވެ. އަދި އެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިމަހު ޗައިނާއަށް ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ. މިނިސްޓަރު ވިދާޅުވީ އެ ދަތުރުގައި ޗައިނާގެ ނައިބު ރައީސްއާއި ފޮރިން މިނިސްޓަރާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

"އެހެންވީމާ އެ ބައްދަލުކުރުންތަކުގައި ޗައިނާއިން ރާއްޖެއަށް ވެދީފައި ހުރި އެހީތަކަށް ޝުކުރު ދަންނަވާނަން،" ޝާހިދު ވިދާޅުވިއެވެ.