ރައީސް ޔާމީން

ސަރުކާރުގެ ސިޔާސަތަކީ އެނބުރޭ ވަހުތާނެއް ފަދަ އެއްޗެއް: ރައީސް ޔާމީން

ފަތޯނާ ފާއިޒު

މި ސަރުކާރުގެ ސިޔާސަތަކީ އެނބުރޭ ވަހުތާނެއް ފަދަ އެއްޗެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި ޕީއެންސީން ގުޅިގެން އުފައްދާފައިވާ އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި "ދަވާލައިފި" މިނަމުގައި ރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ އެއް ފަރާތަކުން ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާ އިރު، ދެން އޮތް ފަރާތުން ގޮވަނީ މި ގައުމުގައި އަލްގައިދާއާއި އެހެނިހެން ޖިހާދީ ޖަމާއަތްތައް ހަރަކާތްތެރިވަމުން އަންނަ ވާހަކަ ކަމަށެވެ.

"އެހެންވީމަ، ސަރުކާރުގެ ސިޔާސަތަށް ކިހިނެއްތޯ މިވަނީ؟ ހަމަ އެނބުރޭ ވަހުތާނެއް ދެއްތޯ؟،" ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ދެ އުޅިއެއް ނުވާ ސިޔާސަތެއް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުނި ޖެހިފަައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ، އެމަނިކުފާނު ވެރިކަމުގައި ގިނަ އެއާޕޯޓުތަކެއް އެޅުމުން، އެކަމަށް އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ފާޑު ކިޔާފައިވާ ކަމަށާއިި ފާޑު ކިޔަސް، ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެއާޕޯޓު ގިނަ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ "މުސީބާތެއް" ކަމަށެވެ.