ޚަބަރު

ސާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުން ދެގުނަ އިތުރު ކުރެވޭނެ: އެޑިއުކޭޝަަން މިނިސްޓަރު

މަރިޔަމް ޝަހުދާ

ސާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ އަދަދު މިއަހަރު 404 އަށް އަރާ ކަމަށާއި މި އަދަދު ދެގުނަ އިތުރު ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރޭ ކުރިއަށްދިޔަ ޓޮޕް އެޗީވާސް އެވޯޑު 2018 ހަފްލާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރު ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ އަދަދު ދެތިން އަހަރެއްގެ ތެރޭގައި ބަދަލުކޮށް، ދެގުނައަށް ނަތީޖާ ރަނގަޅު ކުރެވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަދަރުސާއެއްގެ ފެންވަރު ރަނގަޅު ކުރުމަށް އަދި ދަރިވަރުން އުނގެނޭ މިންވަރު މަތިކުރުމަށް އެންމެ އިސް ރޯލެއް އަދާ ކުރަނީ މުދައްރިސުން ކަމަށެވެ. އަދި ދަރިވަރުން ތިން ވަރަކަށް އަހަރު ރަނގަޅު މުދައްރިސަކާއެކު ހޭދަކޮށްފިނަމަ މުޅި އުމުރަށް އެކަމުގެ ހެޔޮ އަސަރު ކުއްޖާއަށް ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީީގެ އިތުރުން އެތައް ދިރާސާއަކުން ދަރިވަރުންގެ ގޭގެ މާހައުލާއި ކަރިކިއުލަމްއާއި މަދަރުސާގެ ހިންގުން އަދި ފޮތްތަކުން ދަރިވަރުންނަށް އަސަރެއް ކުރިއަސް ދަރިވަރުންގެ ކިޔެވުމަށް އެންމެ ބޮޑު ބަދަލެއް ގެނައުމަށް މެދުވެރިވާ ވަސީލަތަކީ މުދައްރިސު ކަމަށް ޔަގީންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ތައުލީމީ ނިޒާމުގެ ފެންވަރު އެ ދާއިރާގައި މަސައްކަތް ކުރާ މުދައްރިސުންނަށްވުރެ މަތި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ނިޒާމަށް އެދެވޭ ބަދަލެއް ގެންނަން ބޭނުންނަމަ އެ ދާއިރާގައި މަސައްކަތް ކުރަނީ މޮޅެތި މުދައްރިސުންނަށް ހެދުން މުހިއްމު ކަމަށެވެ. މީގެ އިތުރުން ފެންވަރު ދަށް މުދައްރިސުން އުނގަންނައިދޭނަމަ މުދައްރިސުންގެ އިތުރުން އެ ދާއިރާ މަތިން ކުދިން ފޫހިވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އެ ދާއިރާއާ ގުޅޭ މޮޅެތި ދަރިވަރުން މަދުވެ، ދާއިރާގައި ފެންވަރު ދަށް މުދައްރިސުން އިތުރުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު މުދައްރިސުންނަށް ދޭންޖެހޭ ހައްގު ގަދަރު ނުދެވޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން މޮޅެތި ދަރިވަރުން މުދައްރިސް ކަމަށް ކުރިމަތި ނުލާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމަށް ހައްލެއް ގެނައުމަށް މުދައްރިސުންނަކީ ހުނަރުވެރި، ހިކުމަތްތެރި، މުރާލި އަދި ސިއްހަތު ރަނގަޅު ބަޔަކަށް ވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ މި އާދަތަކަކީ ގައުމުގެ މުސްތަގުބަލަށް އުފައްދާ ޖީލުގައި ހުރުން އެންމެ މުހިއްމު ސިފަތައް ކަމަށާއި މިކަންކަން އުނގަންނައިދެވޭނީ އެފަދަ ސިފަތައް އަށަގަނެފައިވާ މުދައްރިސެއްގެ ކިބައިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރޭ ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އަދި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.