ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ސެންސަރީ ރޫމެއް ގާއިމުކޮށްފިއެވެ.
މިއަދު އެ ސެންސަރީ ރޫމް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ ދިވެހިރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މިސްޓަރ މުނީރު އ. ސަފީލްދީނެވެ. އެ ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ސެންސަރީ ރޫމް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ އެ ރޫމް ހާއްސަކޮށްފައިވަނީ ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި، ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކުދިންގެ އިތުރުން ހެދިބޮޑުވުމުގެ މަރުޙަލާތަކުގައި ލަސްތަކެއް އުޅޭކަމަށް ފާހަގަކުރެވޭ ކުދިންނަށް ކަމަށެވެ.
އެތަނުގައި ހިންގޭ ހަރަކާތްތަކުގެ ސަބަބުން ކުދިންގެ ތަފާތު ހުނަރުތައް ތަރައްގީކޮށް އިހުސާސްތައް ދެނެގަނެ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރެވިގެންދާނެ ކަމަށް ޒެނީޝާ ވިދާޅުވިއެވެ.
ޒެނީޝާ ވިދާޅުވީ އެތަނުގައި ތެރެޕިއުޓިކް ހަރަކާތްތައް ކުރިއަށް ގެންދެވޭ ގޮތަށް، ހިއްސުތަކުގެ ހުނަަރުތައް ތަރައްގީކުރުމަށް ބޭނުންވާ ހާއްސަ ކުޅޭއެއްޗެހި ހުންނާނެ ކަމަށެވެ. އޭގެއިތުރުން ސެންސަރީ ޓެކްޓައިލް މެޓްތަކާއި، ތަފާތު ކުލަތަކާއި، އެކި ޓެކްސްޗަރގެ ތަކެތި ބޭނުންކުރުމުގެ އިތުރުން ތަފާތު ރާގު ނުވަތަ އަޑުތައް އިވޭނެގޮތަށް އެކި ވަސީލަތްތައް ގާއިމުކުރެވިފައިވާ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.