ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތައުލީމީ ދާއިރާ ހަރުދަނާ ކުރަން މުދައްރިސުން ބިނާކޮށް އުމްރާނީ ބަދަލުތައް ގެންނަންޖެހޭ: ރައީސް

މަރިޔަމް ޝަހުދާ

ތައުލީމީ ދާއިރާ ހަރުދަނާ ކުރަން މުދައްރިސުން ބިނާކޮށް އުމްރާނީ ގޮތުންނާއި ވަސީލަތްތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޓޮޕް އެޗީވާސް އެވޯޑްސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވަކި މަރުހަލާއެއް ތަފާތު ކުރުމެއް ނެތި ތައުލީމުގެ ހުރިހާ ފުރުސަތުތަކެއް ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އުފެއްދުންތެރި ފަރުދުންތަކެއްގެ މުހިންމުކަން ބޮޑުވުމުން ކަމަށެވެ.

އަދި މިކަން ހާސިލް ކުރުމަށް ކުރަންޖެހޭ އެތައް މަސައްކަތެއް ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާގެ މީހުން ބިނާ ކުރުމަށް މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

''ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް، ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރި. ވަކިން ހާއްސަކޮށް، މި ދާއިރާއިން މީހުން ބިނާކުރުމަށް، ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަން އެބަޖެހޭ. އުމްރާނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވެސް ސްކޫލްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ،'' ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އިމްތިހާންތަކުން ދަރިވަރުން ހޯދާ ނަތީޖާއަކީ އެކުދިންގެ މުދައްރިސުންގެ ފެންވަރާއި ބުރަ މަސައްކަތުގެ ރަމްޒެއް ކަމަށެވެ. އަދި ފެންވަރު ރަނގަޅު ތައުލީމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުން ކަމަށްވާ އިރު، ރާއްޖެއަށް ޕްރައިމަރީ ޓީޗަރުން ނުލިބޭ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، މި ސަރުކާރުން އެކަންކަން ފުރިހަމަކޮށް ތައުލީމީ ނިޒާމަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށެވެ. އެ ބަދަލާއެކު ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި ދަރިވަރުން ހޯދާ ކާމިޔާބީތައް އެތައް ގުނައަކުން އިތުރުވެ، ދަރިވަރުން ހޯދާ ނަތީޖާ ވަރަށް ބޮޑަށް މަތިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.