ދައުލަތުގެ ޓެކްސް އިދާރާ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުގެ މަގާމުގެ ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 59 މެމްބަރުންގެ ވޯޓުން މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.
މި ބިލުގައި މީރާގެ ބޯޑު އެކުލެވިގެންވާ ގޮތަށް އިސްލާހް ހުށަހަޅާފައިވެއެވެ. އެގޮތުން، މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރެއްގެ މައްޗަށްކަން ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަސް މެންބަރަކާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަނެވެ.
އެގޮތުން އެ އިސްލާހުގައި ބުނާގޮތުން، ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން މީރާގެ ބޯޑު އެއްކޮށް އެކުލަވާލަން ޖެހޭނެއެވެ. އެ މަގާމުތަކަށް މީހުން އައްޔަން ކުރުމަށް ހަމަޖެހިފައިވަނީ، މަޖިލީހުން ރުހުން ދީގެން ރައީސުލްޖުމުހޫރިއްޔާއެވެ.
މީގެ ކުރިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގެ މުއްދަތެއް ކަނޑައަޅާފައެއް ނޯވެއެވެ. އެކަން ބަދަލުކުރުމަށް ގެނައި އިސްލާހުގައިވަނީ، އެ މަގާމުގެ މުއްދަތެއް ކަމަށް ފަސް އަހަރު ކަނޑައަޅާފަ އެވެ. އެހެންކަމުން، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި މިހާރުގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ މަގާމް ގެއްލޭނެއެވެ.