ތިމާއަށް ލިބެންޖެހޭ ކޮންމެ ހައްގަކާ އެކު ތިމާ އަދާކުރަންޖެހޭ ޒިންމާތަކެއް ހުންނާނެކަން ހަނދާން ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޓޮޕް އެޗީވާސް އެވޯޑްސްގެ ރަސްމިއްޔާތުގައި ދަރިވަރުންނާ މުހާތަބްކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަދަކީ ކޮންމެ މީހަކު ވެސް އެމީހެއްގެ ހައްގެއް ނުލިބިގެން ނުވަތަ ހައްގު ގެއްލިގެން އަޑު އުފުލާ ޒަމާން ކަމަށެވެ.
''މިއީ ހައްގުތައް ނުލިބިގެން ނުވަތަ ހައްގެއް ގެއްލިގެން އަޑު އުފުލާ ޒަމާން. ތިޔަ ކުދިން ހަނދާން ކުރަންވީ، ތިމާއަށް ލިބެންޖެހޭ ކޮންމެ ހައްގަކާ އެކުގައި، ތިމާ އަދާކުރަންޖެހޭ ޒިންމާތަކެއް ވެސް ހުންނަކަން. މުޖްތަމައުގައި އަދުލުވެރިކަމާއި އުފާވެރިކަން ދެމިއޮންނާނީ، ތިޔަ ކުދިންވެސް އެ ޒިންމާތައް އަދާކޮށްގެން.''
ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކީ ކޮންމެ ކަމެއްގައިވެސް ރަނގަޅު ގޮތް އިހުތިޔާރުކުރަން ދަންނަ ކުދިންނަށް ވާންޖެހޭ ކަމަށެވެ. އަދި އަބަދުވެސް އަމާޒަކަށް ވާންވާނީ އިސްލާމްދީނުގެ ސައްހަ އަގީދާ މަތީ ދެބިތިމުން ކަމަށެވެ.
އެގޮތުން އިލްމު ހޯދަން ކަމަށް ވިޔަސް، ދިރިއުޅުމެއް ފެއްޓުމަށް ނަމަވިޔަސް، ދުނިޔޭގެ ކޮންމެ ތަނަކަށް ދަތުރުކުރި ނަމަވެސް އަބަދުވެސް ތިމާއަކީ ދިވެހި ދަރިއެއްކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.