ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް މަޖުބޫރު ނުކުރުމަށް ރައީސް އެދިވަޑައިގެންފި

މަރިޔަމް ޝަހުދާ

ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް މަޖުބޫރު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ބެލެނިވެރިންގެ ކިބައިން ރައީސް މިގޮތަށް އެދިވަޑައިގެންފައިވަނީ 2018 ވަނަ އަހަރުގެ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ކުރިން ރާއްޖެއިން ނުލިބޭ ކިތަންމެ އިލްމެއް މިހާރު ރާއްޖޭގައި ތިބެގެން ހޯދުމުގެ ފުރުސަތު ތަނަވަސްވެފައިވާކަން ވަނީ ފަހަގަކުރައްވައިފައެވެ. މިއީ ދަރިވަރުންނާއި ބެލެނިވެރިން ސަމާލުކަންދޭން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ނުވަތަ ރޮނގެއް އިހުތިޔާރު ކުރުމުގެ މުހިއްމުކަން ފާހަގަކޮށް ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ދަރިވަރުން ކުރިއަށްދާނެ ދާއިރާއެއް ނުވަތަ ރޮނގެން ކަނޑައެޅުމުގައި ބަލަން ޖެހޭނީ ހަމައެކަނި މަންމަ ނުވަތަ ބައްޕަގެ ހުވަފެން ހަގީގަތަކަށް ހެދޭތޯ ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަލަން ޖެހޭނީ ދަރިފުޅުގެ އުއްމީދަކީ، ކުރިއަށް ދާން ބޭނުންވާ ދާއިރާއަކީ ކޮބައިތޯ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ދަރިފުޅަށް ގާބިލިއްޔަތު ލިބިފައިވަނީ ކޮން ދާއިރާއަކުންތޯ ބެލުން މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ހުރިހާ ކަމެއް ބެލުމަށްފަހު ބެލެނިވެރިންގެ ޒިންމާއަކަށް ވާންވާނީ ވަކި ރޮނގެއް ހިޔާރުކުރުމަށް ދަރިވަރުންނަށް މަޖުބޫރުނުކޮށް ނަމަވެސް ދަރިވަރުންނަށް މަގު ދައްކައިގެން ކަމަށެވެ.

''އެއަށްފަހު ބެލެނިވެރިންގެ ދައުރަކަށް ވާންވީ ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް މަޖުބޫރުނުކޮށް މަގު ދައްކައިދިނުން. އަދި ދަރިވަރުންނަށް ހިތްވަރުދީ މަގުފަހިކޮށްދިނުން. އޭރުން އެކުދިންގެ ފަރާތުން އާއިލާއަށާއި ގައުމަށް ލިބޭ ފައިދާ މާބޮޑުވާނެ. އެކުދިންގެ ކުރިމަގުވެސް މާ އުޖާލާ ވާނެ.''

މިރޭގެ އެވޯޑު ހަފްލާގައި މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގެ ގަދަ 10 ގައި ހިމެނިފައިވާ 407 ދަރިވަރަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރާނެއެވެ.