ޚަބަރު

ސަގާފީ ތަރިކައިގެ ބިލް ތަސްދީގު ކުރައްވައިފި

ފަތޯނާ ފާއިޒު

ސަގާފީ ތަރިކައިގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ތަސްދީގުކުރެއްވި ސަގާފީ ތަރިކައިގެ ބިލަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެކެވެ. އެ ބިލް ފާސްކުރީ 72 މެމްބަރުން ވޯޓުންނެވެ.

އެ ބިލަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި ކަމާގުޅޭ ގޮތުން ދައުލަތާއި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމާއި ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ އަމަލުތަކަކީ ކުށުގެ ގޮތުގައި ބަޔާންކޮށް އެއަށް އަދަބު ކަނޑައެޅުމާއި ރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރުމާއި ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުމާބެހޭ ގާނޫނުގެ ބިލެވެ.

އެ ބިލްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ސަގާފީ ތަރިކަ މިހާރުގެ ޖީލު ތަކަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ދެނެގަނެ، ސަގާފަތް ދިރުވައި އާލާކޮށް، އެ ތަކެތި ގިންތިކޮށް ދަފްތަރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި ސަގާފީ ތަރިކަ ރައްކާތެރިކުރުމުގައި އެކިއެކި ފަރާތްތަކުގެ ޒިންމާތައް ބަޔާންކުރުމާއި ހެރިޓޭޖް ޓްރަސްޓް ފަންޑެއް ގާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ބަޔާން ކުރުމުގެ އިތުރުން ގާނޫނުގެ ދަށުން ކުށުގެ ގޮތުގައި ބަޔާންކުރާ ކަންކަމާއި އެ ކުށްތަކަށް އަދަބު ކަނޑައެޅުމާ ގުޅޭ އުސޫލުތައް ވެސް އެ ބިލްގައިވެއެވެ.

ބިލް ދިރާސާ ކުރިއިރު ކޮމެޓީން މަރުހަލާއިން ވަނީ ބިލަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ގެނައި އެންމެ ބޮޑު ބަދަލަކީ މިނިވަން މުއައްސަސާއެއް ހެދުމަށް އެ ބިލްގައި އޮތް އޮތުން އުނި ކުރުމެވެ. އެބައި ކޮމިޓީން އުނިކުރީ ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއި މަޝްވަރާ ކުރުމަށް ފަހުގައެވެ.