އެއްވެސް މަސް ދޯންޏެއް ބާކީ ނުކޮށް، ހުރިހާ ދޯންޏަކުން ވެސް މަސް ގަންނަމުންދާ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯ އެހެން ބުނެފައިމިވަނީ، މިދުވަސްވަރު އުތުރުގައި މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވި ނަމަވެސް މަސްވެރިން ބާނާ ހުރިހާ މަހެއް މިފްކޯއިން ނުގަންނަ ކަމަށް ބުނެ ބައެއް މަސްވެރިންނާއި ފަރާތްތަކުން މިފްކޯ އަށާއި ސަރުކާރަށް ފާޑު ކިޔަމުންދާތީއެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުންފުންޏަށް ދަތިތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް ހުރިހާ މަސްވެރިން ބާނާ މަސް ވެސް ގަންނަމުންދާ ކަމަށެވެ. އަދި އުތުރުގައި މަސްވެރިކަން ރަނގަޅުވުމުން ގިނަ މަސް ދޯނި އެސަރަހައްދަށް ޖަމާވެފައިވާއިރު، އެ ހުރިހާ މަސްވެރިން ބާނާ މަސް ގަނެވޭނެ ކެޕޭސިޓީ ފެލިވަރުގައި ނެތަސް، އެމަސްތައް ވިއްކޭނެ ގޮތް ހަމަޖައްސާފައިވާ ކަަމަށެވެ.
އެގޮތުން ދެކުނުގައި މަސް ގަންނަ މިފްކޯގެ ބޯޓުތަކުން ފެލިވަރު ބަނދަރުގައި މަސް ގަތުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް މިފްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެ ދުވަހު ބާނާ މަސް އެދުވަހު ނުކިރޭތީ، ކިޔޫ ނަންބަރު ދީގެން ޖެހިގެން އަންނަ ދުވަހު ކިރާ ގޮތަށް ހަމަޖައްސައިގެން ވެސް، އެއްވެސް ދޯންޏެއް ބާކީ ނުކޮށް، މަސް ކިރަމުން އަންނަ ކަމަށެވެ.
އުތުރުގައި މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ، ޅ. ފެލިވަރުގައި ހުންނަ ކޭނިން ފެކްޓްރީއަށް މިދުވަސްވަރު ވަރަށް ބާރުބޮޑު ކަމަށް މިފްކޯއިން ބުނެއެވެ. އެހެން ނަމަވެސް ފެލިވަރުގެ ފްރީޒިން ކެޕޭސިޓީއަކީ ދުވާލަކު 30 ޓަނަށް ވުމުން، އެ ކެޕޭސިޓީ އިތުރު ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.