ޚަބަރު

ބަންގްލަދޭޝް އާއި ސްރީލަންކާގެ އެމްބަސީ އެޅުމަށް ހުޅުމާލެއިން ބިން ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުގައި ބަންގްލަދޭޝް އާއި ސްރީލަންކާގެ އެމްބަސީ އެޅުމަށް ބިން ހަމަޖައްސައި ސަރުކާރުން ބިން ދޫކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ރާއްޖޭގައި ގާއިމުކޮށްފައިވާ އެމްބަސީތައް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރުމަށް ވަކި ސަރަހައްދެއް ކަނޑައަޅާފައިވަނީ ގިނަ ގައުމުތަކެއްގައިވެސް އެކަން ކުރާ އުސޫލުގެ މަތިން އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި އެމްބަސީތައް ގާއިމުކުރަން ނިންމީ މާލެއަކީ މިހާރުވެސް ތޮއްޖެހިފައިވާ ތަނަކަށް ވުމުން މުސްތަގުބަލުގައި އިތުރު ގައުމުތަކުގެ އެމްބަސީތައް ރާއްޖޭގައި ހުޅުވާއިރު ޖާގައިގެ ދަތިކަން ކުރިމަތިވާނެތީ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކުރެވުނު ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 'ރެސިޕްރޯސިޓީ' އުސޫލުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. ލަންކާ އާއި ބަންގްލަދޭޝްއަށް އެމްބަސީ އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ބިން ހަމަޖައްސާފައިވާ އިރު، އެ ދެ ގައުމުންވެސް އެ ދެ ގައުމުގައި ރާއްޖޭގެ އެމްބަސީ ހިންގުމަށް މިއަދު ވަނީ ބިން ދޫކޮށްފައެވެ.

ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން އިންޑިއާއަށް ދޫކުރި ބިމުގައި އިންޑިއާ އެމްބަސީގެ އާ އިމާރާތް އެޅުމަށް މި މަހު ހަތަރެއްގައި ވަނީ ބިންގާ އަޅައިފައެވެ. އެމްބަސީ އެޅުމަށް ދޫކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ކަނޑައަޅާފައިވާ މި ސަރަހައްދަކީ 30،000 އަކަފޫޓުގެ ސަރަހައްދެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.