ޚަބަރު

ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުން، ޓެރަރިޒަމްގެ ދާއިރާ ފުޅާވެ ފުލުހުންނަށް ބޮޑެތި ބާރުތަކެއް

ރަހީނުކޮށް މަރާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މަރާލާފައިވާ މައްސަލައާ ގުޅޭގޮތުން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ބޭނުންވެގެން، ޓެރަރިޒަމްގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުން، ޓެރަރިޒަމް މާނަކުރާ ދާއިރާ ވަރަށްބޮޑަށް ފުޅާކޮށް، ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ހިމަނައިފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއަށް ފުރަތަމަކިއުން އިއްވި މި ބިލުގައިވާގޮތުން، ކޯޓު އަމުރެއްނެތި ތަންތަނަށްވަދެ ބަލައި ފާސްކުރުމާއި މީހުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުނުކޮށް 48 ގަޑިއިރު ހިފޭއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. ގާނޫނުގައި މިހާރު އޮންނަގޮތުން ހައްޔަރުކުރާ މީހާ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރަން ޖެހެއެވެ.

ޓެރަރިޒަމްކުށުގެ ދާއިރާ ފުޅާކޮށް މި ބިލުގައި، ޓެރަޒިމްގެ ކުށް ކަމުގައި، ހަނގުރާމައަށް ދިއުމާއި، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުމަކީ ޓެރަރިޒަމްގެ ކުށެކެވެ. އަދި ހަނގުރާމަވެރި އަމަލެއް ކުރަން އުޅުމާއި، އެފަދަ ކަމެއް ކުރަން އެހީވުން ނުވަތަ އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުންވެސް އެއީ ކުށެކެވެ. މީގެ އިތުރުން ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން، ބޭނުންކުރުން އަދި އެފަދަ ތަކެތިން ވިޔަފާރިކުރުމާއި، ޓެރަރިސްޓް ޖަމާއާތަކަށް ތާއީދު ކުރުމާއި ތާއީދުކުރުމަށް ގޮވާލުން ވެސް އެއީ ކުށެކެވެ.

އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ހަރަކާތްތަކަށް ހިތްވަރުދީ އެފަދަ ހިޔާލެއް ފާޅުކުރުންމާއި އެކަަމަށް ހިތްވަރު ލިބޭ ހަރަކާތެއްގައި ބައިވެރިވުމުގެ އިތުރުން އެފަދަ ހަރަކާތެއް ރާވަައި ހިންގުމަކީވެސް ކުށެކެވެ.

ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރެއްކަމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމާއި، އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅުން ނުވަތަ ބޭނުންކުރުމަކީވެސް ކުށެކެވެ.

މި ކުށްކުށުުގެ އަދަބުތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވަނީ، ހަނގުރާމައަށް ދިއުމުގެ ކުށެއް ކޮށްފިނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އެކަން ކުރަން އުޅެފި ނަމަ ނުވަތަ ބައިވެރިވެއްޖެ ނަމަ، ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބިލްގައި ކަނޑައަޅާފައިވެއެވެ.

ބިލްގައި ވާގޮތުން ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރު ކަމަށް ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަން ދޭހަވާ ފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމުގެ ކުށްތައް ކުރާ މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާ މިއިސްލާހުތަކުގެ ސަބަބުން ކަފާލާތުގެ ދަށުންވެސް ދޫކޮށް ނުލެވޭނެކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.