ޚަބަރު

ގާދިއްދުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފި

އާނިފާ ހުސެއިން ސިރާޖް

ތ. ގާދިއްދުށީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމާބެހޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗާ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމަޓިސީސީ)ން މިއަދު ވަނީ ސޮއިކޮށްފައެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ 21.1 މިލިޔަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެމްޓިސީއާ ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މި މަޝްރޫއުގެ ދަށުން މި ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ފަރުމާ ކުރުމާއި، ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމާއި، އާރްއޯ ޕަލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމަށް ވަނީ އެއްބަސްވެފައެވެ.

މި ކޮންޓްރެކްޓްގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ.

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.