ޚަބަރު

ޖަމީލް، ނަޝީދަށް: ކިތަންމެ މަސައްކަތެއް ކުރިއަސް، ހައްގުތައް ނިގުޅައިގަނެގެން ގާއިމްކުރެވޭނެ އިންސާފެއް ނޯންނާނެ

އިބްރާހިމް ޒަކީ

ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް، ހައްގުތައް ނިގުޅައިގަނެ، އެ ހައްގުތައް ހަނިކޮށްގެން ގާއިމް ކުރެވޭނެ އިންސާފެއް، ނޯންނާނެ ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ދީނީ ހަރުކަށި ފަރާތްތަކާ މުހާތަބު ކުރައްވައި، ބިރުވެރި އަނދިރި ދައުލަތެއްގެ ގޮތުގައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅާބެހޭ ހަބަރު ޕޯސްޓް ކުރައްވައި، ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލު ވިދާޅުވީ، ހައްގުތައް ނިގުޅައިގަނެ، ހަނިކޮށްގެން ހޯދޭނެ މަސްލަހަތެއްވެސް ނޯންނާނެ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވުމަށް ބުދަވިލޭރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިވެހި ދައުލަތުގެ ތެރޭގައި ބާރުގަދަ "އަނދިރި ދައުލަތެއް" އުފެދެމުން އަންނާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ފަރާތްތަކަކީ ސީރިޔާ އާއި އިރާގުގައި ހަނގުރާމަކުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާގުޅޭ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވާހަކަފުޅުގައި އެ ފަރާތްތައް ހުއްޓުވުމަށް ޝަރުއީ ނިޒާމު އިސްލާހުކުމުގެ އިތުރުން ކަމާބެހޭ މުއައްސަސާތައް ބާރުވެރިކުރުވަން ޖެހޭކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކާއި، ސަލާމަތީ ބާރުތަކަށް ބޮޑެރި ބާތުތަކެއް ދިނުމަށް ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަށް އިޝާރާތް ކުރައްވައި ޑރ.ޖަމީލު ވަނީ މިފަހަރު ވެސް އަމާޒަކީ ދީނަށް އުޅޭ މީހުންތޯ ސުވާލު އުފައްދަވައިފައެވެ.