ޚަބަރު

ރައްޔިތުންނަށް ނުރައްކަލެއް ކަމަށް ބެލެވޭ 11 އިމާރާތެއް ފާހަގަކޮށް ފިޔަވަޅު އަޅަނީ

އާނިފާ ހުސެއިން ސިރާޖް

ބާވެ ހަލާކުވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ނުރައްކަލެއްކަމަށް ބެލެވޭ 11 އިމާރާތެއް ފާހަގަކޮށް އެ އިމާރާތްތަކާމެދު ފިޔަވަޅު އެޅުމަށް ފޮނުވާފައިވާކަމަށް މިނިސްޓްރިއޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމެންޓް ޑިޕާޓްމެންޓް (ސީއައިޑީޑީ) ގެ ޑިރެކްޓަރ ޖެނެރަލް އަހްމަދް ތޮލްހަތު ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރިީގައި މިއަދު ބޭއްވި "ނުވަގަޑި" ރަސްމިއްޔާތުގައި ނޫސްވެރިންނަަށް މައުލޫމާތު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް އަހުމަދު ތޮލްހަތު ވިދާޅުވީ ރައްޔިތުންނަށް ހުރި ނުރައްކަލެއް ކަމަށް ޖުމްލަ 11 އިމާރާތެއް އެބޭފުޅުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެ އިމާރާތްތަކުގެ އެސެސްމަންޓް ހަދައި، ރިޕޯޓު ތައްޔާރުކޮށް، ފިޔަވަޅު އެޅުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް މިދިޔަ އޯގަސްޓް މަހު ފޮނުވާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އިމާރާތްތަކާމެދު ފިޔަވަޅު އަޅަން ކައުންސިލަށް ކައުންސިލަށް ފޮނުވީ، އިމާރާތްތަކުގެ ވެރިފަރާތްތަކާ މަޝްވަރާކޮށް އެކަންތައްތައް ރަނގަޅުކުރަން އަންނައި ރަނގަޅުކޮށްފައި ނުވާތީ ކަމަށްވެސް ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

އާންމު ރައްޔިތުންގެ ސަލާމަތައް ނުރައްކާވެދާނެކަމަށް ސީއައިޑީޑީ އަށް ފާހަގަކުރެވިފައިވާ އިމާރާތްތަކަކީ، ހ.ލޮބީ އާއި، ހ.ތަންބީ އާއި، ހ.އަސްފަރު އާއި، މ.އާޝިޔާމަންޒިލް އާއި، މ.ބުރަދަމާގެ އާއި، މ.ކައުސަން އާއި، މއ.އެވަރގުލޯރީ އާއި، މއ.ކަނބާލިފަރާއި، ހ.ހާޒަރާގެ އާއި، ހ.ރުއްދޮށުގޭގެ އިތުރުން މ.ރަބީއު ވިލާ ކަމަށް ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

މާލޭގައި އިމާރާތްތަކުން ބެލްކަނި ނުވަތަ ފާރުފަދަ ބައިތައް ވެއްޓުން ފަދަ ކަންކަން ދަނީ ގިނަ އަދަދަކަށް ހިނގަމުންނެވެ. މިގޮތުން މިދިޔަ މަހުގެ ތެރޭގައި އެކަނިވެސް މިފަދަ ތިން ހާދިސާ ވަނީ ހިނގައިފައެވެ. އަދި މިފަދަ ކަންކަމުން ވަނީ މީހުންނަށް ބޮޑެތި އަނިޔާތައްވެ މީހުންގެ މުދަލަށްވެސް ގެއްލުން ވެފައެވެ.