ޚަބަރު

އާ އިންޖީނުތައް ހިންގަން ފަށައި، ބާ އިންޖީނުތައް ސާވިސް ކުރުމުން، އައްޑޫ ކަރަންޓްގެ މައްސަލަ ހައްލުވާނެ

އާ އިންޖީނުތައް ހިންގަން ފަށައި، ކުރީގައިހުރި އިންޖީނުތައް ސާވިސް ކުރުމުން، އައްޑޫ ސިޓީ ކަރަންޓްގެ މައްސަލަ ހައްލުވާނެ ކަމަށް ބުނެފިއެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމާބެހޭގޮތުން، ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިންގ ޑައިރެކްޓަރު އަހްމަދު ސައީދުއާ ބައްްދަލު ކުރެއްވުމަށްފަހު، އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކާއި ހުޅުމީދޫގެ ކަރަންޓްގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ.

އެ މަޝްވަރާތަކުގައި އައްޑޫގައިހަދާ 28 މެގަވޯޓުގެ ޖެނަރޭތަރު ސެޓާއި 10 މެގަވޯޓުގެ ސޯލާ އެނާޖީގެ މެއިން ޕަވާ ހައުސްގެ މަަސައްކަތް އޮކްޓޫބަރުމަހުގެ ފަހުކޮޅު މޮބިލައިޒް ކުރެވޭނެކަމަށް ފެނަކައިގެ އެމްޑީއާ ހަވާލާދެއްވައި ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ޕާސަނަލީ ބައްލަވަމުން ގެންދަވާ ކަމެއްކަމަށް އެމްޑީ ވިދާޅުވި ކަމަށާއި، ޕްރޮޕޯސަލްވެސް ތައްޔާރުވެފައިވާކަމަށާއި އަންނަ ހަފްތާގައި ފައިނަލް ކުރެވޭނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވެފައިވެއެވެ.

ފެނަކައިގެ އެމްޑީއާ ހަވާލާދެއްވައި ރޮޒެއިނާ ވިދާޅުވެފައިވާގޮތުގައި، އިތުރު ދެ މެވޯޓުގެ ދެ ޖަނަރޭޓަރު އަންނަ އޮކްޓޫބަރުމަހުގައި އައްޑުއަށް ލިބޭނެއެވެ.

"ހުޅުމީދޫ އަށް ގެންދިޔަ އާ ޖަނަރޭޓަރު ބަހައްޓަން ހަދަން އުޅުނު ތަނުގެ ކޯޓޭޝަން ނެގުމުގައި ހިނގި ކަންކަމާގުޅޭގޮތުން ލިބުނު ޝަކުވާތަކެއްގެ ސަބަބުން އަލުން އިއުލާންކުރަން ޖެހުމުން މަސައްކަތް ލަސްވީ، މިއަދު މި މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް ސޮއިކުރެވިއްޖެ، ވޭތުވެދިޔަ އަހަރުތަކުގައި އިންޖީނުތަކަށް ސާވިސްނުކޮށް ހުރުމުގެ ސަބަބުން ޕާފޯމެންސް ދަށަށްގޮސްފައިވާ މައްސަލަ، އާ އިންޖީނު ހިންގަން ފެށުމުން ކުރީގެ އިންޖީނުތައް ސާވިސް ކުރީމަ ހައްލުވާނެކަމަށް މައުލޫމާތު ދެއްވި،" ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރޮޒެއިނާ ވިދާޅުވީ، އައްޑޫއަށް ފެން ދޫކުރި އިރު ވެސް ރިޒާވް ސްޓޯރޭޖެއް ހަދާފައިނުވާކަމަށާއި އެ ކަންތައް ހައްލު ކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޑީވިދާޅުވި ކަމަށެވެ.