ރާއްޖޭގެ ސިއްހީ ކަންކަމަށް ކުރެވޭ ހޭދަ އަންދާޒާ ކުރުމަށާއި ސިއްހީ ވަސީލަތްތައް ބެހިގެންދާގޮތް ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް 2015-17 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ދުނިޔޭގެ އެކި ގައުމުތަކުން ބޭނުންކުރަމުން ގެންދާ ހާއްސަ ފްރޭމްވަރކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް 2015-17 އަކީ މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިގެން މި ފަދަ ރިޕޯރޓެއް އެކުލަވާލައި ޝާއިއު ކުރެވުނު ތިންވަނަ ފަހަރުކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
ހެލްތް މިނިސްޓްރީން ބުނީ މި ރިޕޯޓްގެ ނަތީޖާތަކުން ދައްކާ ގޮތުގައި 2017 ވަނަ އަހަރު ރާއްޖޭގެ ސިއްހީ ކަންކަމަށް 6000 މިލިޔަން ރުފިޔާއަށް ވުރެން ގިނައިން ހަރަދު ކޮށްފައިވާކަމަށާއި މި ހަރަދުތަކުގެ ތެރެއިން %77 އަކީ ސަރުކާރުން ސިއްހަތަށް ކޮށްފައިވާ ހަރަދުތައް ކަމުގައެވެ. އަދި ސިއްހީ ހަރަދުތަކުގެ 60 އިންސައްތަ ޑޮކްޓަރަށް ދެއްކުމަށް ހޭދަކުރެވިފައިވާއިރު އެޑްމިޓްކުރުމަށް ހޭދަވެފައިވަނީ 19 އިންސައްތަކަމަށް މި ރިޕޯޓުން ދައްކާކަމަށްވެސް ހެލްތް މިނިސްޓްރީއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން ހެލްތް މިނިސްޓްރީން ބުނިގޮތުގައި 2017 ގައި ސަރުކާރުގެ ބަޖެޓުގެ 32.3 އިންސައްތަ ހޭދަކުރެވިފައިވަނީ ސިއްހީ ދާއިރާއަށް ކަމަށާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސަރުކާރުގެ ބަޖެޓުން ސިއްހަތަށް ހޭދަކުރެވިފައިވާ މިންވަރަށް ބަލާއިރު އެންމެ ބޮޑު ހޭދައެއްރާއްޖޭގެ ސަރުކާރުން ކޮށްފައި ވުމުން ދޭހަވަނީ ރާއްޖޭގެ ސަރުކާރުން ސިއްހަތަށް ދޭ އަހައްމިއްޔަތުކަން ކަމުގައެވެ.
މި ރިޕޯޓްގެ ހޯދުންތަކުގެ އަލީގައި ސިއްހީ ދާއިރާއަށް ކުރާ ހޭދަ އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެކަމަށްވެސް ހެލްތް މިނިސްޓްރީއިން މައުލޫމާތުދެއެވެ.