ބެސްޓްލައިން ބޯޓުގައި ރޭ ގޭސް ފުޅި ގޮވިހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ބިދޭސީ މީހަކަށް އައިސީޔޫގައި އަދިވެސް ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމް އެޗުން މިއަދު ބުނީ އައިސީޔޫގައި ބިދޭސީއަކަށް ފަރުވާދެމުންދާއިރު އިތުރު ބިދޭސީއަކާއި ދިވެއްސަކަށް އެޗްޑީޔޫ (ހައި ޑިޕެންޑެންސީ ޔުނިޓް) ގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ނޯތު ހާބަރުގައިއޮތް ބެސްޓްލައިން ބޯޓުގެ ފަލްކާ ތެރޭގައި ހުރި ގޭސްފުޅިތަކުން ގޭސް ލީކުވުގެ ސަބަބުން ގޭސްފުޅިއެއްގޮވައި ހަތްމީހަކަށް އަނިޔާވި ކަމަށެވެ.
އެހަތްމީހުން ރޭ 7:15 އެހާކަންހާއިރު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި، މިހާދިސާގައި އަނިޔާވީ 30 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކާއި 52 އަހަރުގެ މީހަކާއި 67 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހުގެ ތެރޭގައި ހިމެނެނީ ފަސް ދިވެހި ފިރިހެނުންނާއި، ބަނގްލަދޭޝް ދެ ފިރިހެނުން ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ ބޯޓުގައި ހުރި ގޭސްފުޅިތައްމަތީގައި ގިނަ އަދަދެއްގެ މުދާ ޖަހާފައި ހުރިކަން ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، އެ ގޭސްފުޅި ތަކުގެ ތެރެއިން ލީކުވާކަން ފާހަގަ ކުރެވިފައިވަނީ 83 ގޭސްފުޅި ކަމަށާއި އެހާދިސާގައި ގޮވީ އެއްފުޅި ކަމަށް ފުލުހުންބުންޏެވެ.
ފުލުހުން ބުނީ ލީކުވާ ގޭސްފުޅިތައް އަނބުރާ ކުންފުނިތަކާ ހަވާލު ކޮށްފައިވާ ކަމަށެވެ.