ފޮރިން މިނިސްޓްރީ

ފަލަސްތީނު ބިމުގެ ބައެއް އިޒްރޭލަށް ނަގާނެ ކަމަށް ނަތަންޔާހޫ ވިދާޅުވުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

ފަލަސްތީނު ބިމުގެ ބައެއް އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވުމާ ގުޅިގެން، އެ ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އިޒްރޭލުގައި ބާއްވާ އާންމު އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ފަލަސްތީނުގެ ބިމުގައި އޮންނަ ވެސްޓް ބޭންކުގެ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީއަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

އެކަން ކުށްވެރިކުރައްވައި ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީން ބިމުގެ އެއްވެސް ތަނެއް ނެގުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ މުއާހަދާއާ ވެސް ހިލާފު ކަމެއް ކަމަށާއި އެއީ މެދުއިރުމަތީގެ ދާއިމީ ހަމަޖެހުން ގެނައުމަށް ފުރުސަތު އިތުރަށް ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

އެ މައްސަލައިގައި ފިޔަވަޅު އަޅައި، ހައްލު ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައަށާއި އދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލާ ކަމަށާއި މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީން ހިމެނޭ ގޮތަށް 1967ގެ ބޯޑަރުތަކަށް ބިނާކޮށް ދެ ދައުލަތެއް އޮތުމަށް ރާއްޖެއިން ގޮވާލާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނާއެކު ކަމަށެވެ.