ތައުލީމު ދިނުމުގެ އެންމެ އަސާސީ ބޭނުމަކީ ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތުގެ އުފެއްދުންތެރި ވިސްނުން ރައްޔިތުންގެ ކިބައިގައި އުފައްދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަލިފުށީ ސްކޫލްގެ ރަން ޔޫބިލް ފާހަގަކުރުމަށް މިރޭ ރ. އަލިފުށީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ކުރަން އުޅޭ ކަމަކީ ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާނެ ގޮތުގެ އުފެއްދުންތެރި ވިސްނުން ރައްޔިތުންގެ ކިބައިގައި އުފައްދައިދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ ކޮންމެ ގައުމަކަށްވެސް އެންމެ ބޭނުންވާ ކަމަކީ، އިގުތިސާދީ ފުދުންތެރިކަން ލިބުން ކަމަށެވެ. އަދި އިގުތިސާދަކީ އެތަނެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅައިބަލާއިރު، ފުދުންތެރިކަމާއި މާލީ ގޮތުން މެދުވެރިވާ ހާލަތެއްކަން ފާހަގަކުރައްވައި އެ ހާލަތު ދުވަހުން ދުވަހަށް ރަނގަޅުކުރާނެ ގޮތުގެ ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފެދިގެން އަންނަނީ އެބައެއްގެ އިލްމީ ގާބިލުކަން އިތުރުވި މިންވަރަކުންކަން ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ބޭނުންވާ އިސްލާހީ ބަދަލުތައް ގެނެވޭނީ ދަރިންނަށް ރަނގަޅު ތައުލީމު ދީގެންކަން ފާހަގަކުރައްވައި އެކަން ކުރެވޭނީ ތައުލީމުގެ ތެރެއިން، އަދުލު އިންސާފަށާއި ހައްގަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާކޮށް ރިވެތި އަހްލާގުގެ މަތީގައި ދަރިން ތަރުބިއްޔަތު ކޮށްގެންކަން ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ އަލިފުއްޓަކީ މީގެ 80 ވަރަކަށް އަހަރު ކުރިން ފެށިގެންވެސް ތައުލީމީ ބިންގާ އެޅި، އިލްމު އުނގަންނައިދިނުމުގެ މުހިންމު މަސައްކަތް ފެށިފައިވާ ރަށެއްކަން ފާހަގަކުރައްވައި އެ ތާރީހުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި އަލިފުށި ސްކޫލު ގިނަ އަހަރުތަކެއް ވަންދެން ހިންގަމުން ދިޔައީ ރައްޔިތުންކަން ފާހަގަކުރައްވައި އެ ސްކޫލްގެ ރަން ޔޫބީލްގެ، ހުރިހާ ޝަރަފަކާއި ފަހުރެއްގެ ހައްގުވެރިންނަކީ އަލިފުށީގެ ލޮބުވެތި ރައްޔިތުންކަން ރައީސް ފާހަގަކުރެއްވިއެވެ.
ތައުލީމީ ކަންކަމުގެ އިތުރުން އަލިފުށީ ރައްޔިތުންނަކީ ކިއްސަރު ވަޑާމުގައި އެފަދަ ދެވަނައެއް ނެތް ބައެއްކަން ފާހަގަކުރައްވައި އެ ދާއިރާއިން އަލިފުށީ ރައްޔިތުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން އެރަށުގެ އަލީ ހަސަން ފަރުމާކޮށް ބަނދެދީފައިވާ ދޯނިފަހަރު އެހެން ގައުމުތަކުގައި ދުއްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭނާ މިހާރު ވަނީ، ބައިނަލްއަގުވާމީ ހޮޓެލް ޗެއިނެއްގެ ލޮޖިސްޓިކް ކުންފުންޏަކަށް، ޑައިވިން އާއި އެކްސްކާޝަންގައި ބޭނުންކުރުމަށް، ތަފާތު ސައިޒްތަކުގެ ފަސް ދޯންޏެއް ބަނދެދީފައި ކަމަށާއި އަދި މިހާރުވެސް ޒެންޒިބާރުގައި ބޭނުންކުރުމަށް، އޭނާ އިތުރު ތިން ދޯންޏެއް ބަނުމުގެ މަސައްކަތް ކުރަމުން ގެންދާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިއީ ކޮންމެ ދިވެއްސަކަށްވެސް ލިބޭ ފަހުރެއްކަމާއި އަދި ނޫ އިގްތިސާދުގެ ނަފާ، އެތައް ގުނައެއް އިތުރުވެގެން ދިއުމުގައި، އަލިފުށީ ވަޑިންގެ ހިއްސާ ވަރަށް ބޮޑުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މިޒަމާނުގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި، އަމަލީ މަސައްކަތްތަކަށް ކުދިން އަހުލުވެރިކުރުމަށް، އިސްކަންދެނީ މިފަދަ ސަބަބުތަކަށްޓަކައިކަން ފާހަގަކުރެއްވިއެވެ. އަދި ކިޔަވައިގެން ނުކުންނަ ކޮންމެ ކުއްޖަކީ، ގައުމުގެ ތަރައްގީގައި ބައިވެރިވުމުގެ ގާބިލުކަން ހުރި، ޒުވާނަކަށް ހެދޭނީ އެގޮތަށް ކިޔަވައިދީގެން ކަމަށާއި މިކަން އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީވެސް، އަލިފުށި ކަހަލަ ހުނަރުވެރި މުޖުތަމައުތަކުގެ މީހުންނަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ހަގީގީ ތަރައްގީއަކީ އެމީހެއްގެ ރަށް، އެމީހެއްގެ މުޖްތަމައު މިހާރު އޮތް ހާލަތުން، އެއަށްވުރެ ތަހުޒީބީ ހާލަތަކަށް ބަދަލުކުރާނެ ގޮތުގެ ވިސްނުންކަން ފާހަގަކުރައްވައި ކޮންމެ ފަރުދަކީ، އެވިސްނުން އުފެއްދުމުގެ އިލްމީ އަދި ފަންނީ ގާބިލުކަން ހުރި މީހަކަށް ހަދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.