ޚަބަރު

ސަރުކާރުގައި އެންމެ ކަންތައް ކުރެވޭ އެއް ވަޒީރަކީ އައިޝާ: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ ތެރެއިން އެންމެ ހިންގުންތެރި އެއް ވަޒީރަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކަމަށް އެކަމަނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް ކުނޫޒްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ހަނގު އަނބިކަނބަލުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ.

ގާސިމް ވިދާޅުވީ، އެމަނިކުފާނާއި ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޖަލަށް ލުމުން އެދެބައިންގެ ދިފާއުގައި ސިޔާސީ ދާއިރާއަށް ނުކުމެ އައިޝާ ކުރެއްވި މަސައްކަތުން ވަރަށް ގިނަ ރައްޔިތުންތަކެއްގެ ލޯބި ހޯއްދަވާފައިވާ ކަމަށެވެ.

އަދި ވަޒީރު ކަމަށް ވަޑައިގެންނެވީ އެކަމަނާ ކުރެއްވި މަސައްކަތުން ކަމަށާއި ސަރުކާރުގައި އައިޝާ ކުރައްވާ މަސައްކަތް ދިވެހިންގެ އެންމެން ވެސް ބަލައިގަންނަކަން ކަށަވަރު ކަމަށް ވެސް ގާސިމް މިރޭ ވިދާޅުވިއެވެ.

"އެހެން ނޫންނަމަ އައިޝާއަކަށް އެ ފުރުސަތު (ވަޒީރުކަން ހޯއްދަވަން) ނުވަތަ އެ ފުރުސަތު ދޭން ގަބޫލު ހޯއްދަވަން އުޅުއްވިކަމުގައި ވިޔަސް އަޅުގަނޑު ދެންނެވީމުސް އައިޝާއަށް މަޑުކުރައްވާށޭ!. އަޅުގަނޑަށް ޔަގީން އަޅުގަނޑު އަނބިމީހާގެ އައިޝާގެ ވިސްނުންފުޅު ވަރަށް ރަނގަޅުވާނެކަން. ވަރަށް ސާބިތުކަމާއެކު ހިފަހައްޓަވާނެކަން. ތެދުވެރިވާނެކަން ހަމަގައިމުވެސް. ހިޔާނާތްތެރިއެއް ނުވާނެ.،" ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، އަނބިކަނބަލުން އައިޝާގެ މޮޅު ވާހަކަ ދެއްކެވުމަކީ އެމަނިކުފާނު ކުރައްވާނެ ކަމަށާއި އަދި އައިޝާއާ ދެކޮޅަށް ވާހަކަދައްކާނަމަ އެކަމާ ކޯފާވެސް އިސް ކުރައްވާނެ ކަމަށެވެ.

ނަމަވެސް އައިޝާއަށް މިރޭ ތައުރީފު ކުރައްވަނީ އެކަމަނާ ކުރެއްވި މަސައްކަތަށް ބިނާ ކުރައްވައިގެން ކަމަށް ވިދާޅުވިއެވެ.