ގައުމުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރަން ތިބި ސިފައިންނާއި ފުލުހުންނާ މެދުގައި ބަދުބަސް ބުނެގެން ދެކޮޅު ޖެއްސޭނެ ގޮތެއް ނޯންނާނެ ކަަމަށް ވިދާޅުވެ ސަލާމަތީ ބާރުތަކާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް، ސަރުކާރު ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފާޑުވިދާޅުވެއްޖެއެވެ.
ޖޭޕީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ގައުމެއްގެ ސަލާމަތާއި އަމާންކަން ދެމިގެންވަނީ އެތަނެއްގައި ފުލުހުން ތިބޭ މިންވަރަކާއި ޖުޑިޝަރީގެ މިނިވަންކަމުގެ މައްޗަށް ކަމަށެވެ.
ނަމަވެސް ފަހަކަށް އައިސް ފުލުހުންނާ ދިމާކޮށް ޖެއްސުމާއި މަލާމާތް ކުރަމުންދާކަން ފެނިފައިވާ ކަމަށާއި ސަލާމަތީ ބާރުތަކާމެދު ބަދުބަސް ބުނުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން ސަލާމަތީ ބާރުތަކާއި ޝަރުއީ ދާއިރާއާ ގުޅޭގޮތުން "ހަޑި ހުތުރު" ވާހަކަ ދެއްކުމަކީ މަސްލަހަތު ގެއްލި، ހަމަނުޖެހުމަށް މަގުފަހި ކުރުވާނެ ވާހަކަތަކެއް ކަމަށާއި އެފަދަ ވާހަތަކުން ދުރުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"ދާދި ފަހުން އަޅުގަނޑުމެންނަށް އަޑު އިވުނީ ފުލުހުންގެ އެއްބާރުލުން ނުލިބޭ ވާހަކަ. ސިފައިންގެ ތެރެއިން ކޮންމެވެސް ބަޔަކު ފާރަލަމުންދާ ވާހަކަ. އެއްބަޔަކު ބުނަނީ މިހެން ވިޔޭ، އެހެން ވިޔޭ. މިހިރީ ހަޑި ހުތުރު ވާހަކަ އެހެން ނޫންތޯ ދަައްކަން" ގާސިމް ވިދާޅުވިއެވެ.
ގާސިމް މިހެން ވިދާޅުވީ، އެމަނިކުފާނަށް ފުލުހުން ފާރަލަމުންދާ ކަަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ކަމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވުމުން، އެކަން ފުލުހުންނާއި ސިފައިން ވެސް ދޮގު ކޮށްފައިވާތީއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ވިސްނުމުގެ ބަޔަކާއި މިނިވަން ހިޔާލުގެ ބަޔަކާ ދެމެދު ހިނގާ އަރާރުމެއްގެ ތެރޭގައި މީހުން މަރަމުންދާއިރު މީހުން މެރުމުގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ބައިވެރިވަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި މަރާލާފައިވާ މީހުންގެ ހަގީގަތް ހޯދުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފުލުސް އޮފީސް އިސްލާހު ކުރުން ކަމަށް ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ނަޝީދު ވިދާޅުވެފައިވެއެވެ.
މިރޭގެ ރަސްމިއްޔާތުގައި ގާސިމް އިތުރަށް ވިދާޅުވީ، ކޮންމެ މީހަކާއި ސިޔާސީ ޕާޓީއަކަށްވުރެ ވެސް ގައުމު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން، ލިބޭ ކުރިއެރުންތަކާމެދު ބޮޑާވެ ގަނެގެން އުޅޭނަމަ އެކަމެއް ދާނީ ހަލާކުވެގެން ކަމަށް ގާސިމް ވިދާޅުވިއެވެ.