މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅިގެން ފުލުހުން ފެށި ބަލައިފާސް ކުރުމުގެ އޮޮޕަރޭޝަން ނިންމާލައިފިއެވެ.
ފުލުހުން ބުނީ، މަރުތައް ބަލާ ކޮމިޝަންގެ އެދުމަށް އެ ކޮމިޝަނުން ހޯދި ކޯޓް އަމުރަކާ އެއްގޮތަށް އިއްޔެ ހަވީރު ފެށި އެ އޮޕަރޭޝަންގައި މާލެ އަދި އައްޑޫ ސިޓީން 17 ތަނަކާއި 11 މީހުން ފާސްކޮށްފައިވާ ކަަމަށެވެ. އަދި އެ އޮޕަރޭޝަނަކީ ހަމައެކަނި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކަަމަށް ވުމުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
“އެ ކޮމިޝަނުން މި ސާވިސް އަށް ހަވާލުކޮށްފައިވާ ހުރިހާ ކޯޓް އަމުރުތަކެއް ތަންފީޒުކޮށް ނިމިފައިވާތީ، ފުލުހުން އިއްޔެ އިން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން މިހާރު ވަނީ ނިންމާލާފައި،” ފުލުހުން މީޑިއާއަށް ބުނެފައިވެއެވެ.
މާލެ އާއި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީ އާއި މާލެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސަރވިސް ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑުން ބައިވެރިވިއެވެ.
އަދި ފުލުހުން ހިންގި އޮޕަރޭޝަނަށް އެހީތެރިވެދިނުމަށް ހަތިޔާރާއެކު ރެއިން ފެށިގެން މާލޭގެ މަގުތަކުގައި ސިފައިން ވެސް ދިޔައީ ފޯރިމަރަމުންނެވެ.