ޚަބަރު

ފުލުހުންގެ އޮޕަރޭޝަން: އައްޑޫ ސިޓީ ހިތަދޫގެ ފިހާރައަކާއި ގެ އެއް ބަލައިފި

ފަތޯނާ ފާއިޒު

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ފެށި ބަލައިފާސް ކުރުމުގެ އޮޮޕަރޭޝަންގެ ތެރެއިން އައްޑޫ ސިޓީގެ ފިހާރަ އަކާއި ގެ އެއް ބަލައިފިއެވެ.

މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި އިއްޔެ އިން ފެށިގެން ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، މިއަދު ބަލައި ފާސް ކުރަމުން އަންނަނީ ހިތަދޫގެ ފިހާރައެއް ކަމަށެވެ.

މޫނު ނިވާކޮށްގެން ތިބި ފުލުހުން ވަނީ މާލެ އަދި ހުޅުމާލެއިން ވެސް ފަސް ތަނެއް ބަލައި ފާސްކޮށްފައެވެ. އަދި ފުލުހުން ކަނޑުމަގުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ސަރަހައްދުގައި އޮތް ބޯޓެއްގައި ހުރި މީހަކު ވެސް މިއަދު ބަލައި ފާސްކޮށްފައިވެއެވެ. ނަމަވެސް އެ އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ނުވާ ކަމަށް ފުލުހުން ބުނެއެވެ.

"ވަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިވަގުތު ފުލުހުންގެ އޮޕަރޭޝަނާ ގުޅޭ ގިނަ މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

މަރުތައްބަލާ ކޮމިޝަންގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތަކުގެ ދަށުން ފުލުހުން ހިންގާ އޮޕަރޭޝަންގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސަރވިސް ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑުގެ ފުލުހުން ބައިވެރިވެއެވެ.