ޕްލާސްޓިކް ފުޅި މަދު ކުރުމުގެ ގައުމީ ކެމްޕެއިނަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މުވައްޒަފުން މިއަދު ބިއްލޫރި ފުޅި ބޭނުން ކުރަން ފަށައިފިއެވެ.
ޖޭއެސްސީން ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުން ކުރަން ފެށުމުގެ ގޮތުން، އެ ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންނަށް ބިއްލޫރި ފުޅި ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އެމަނިކުފާނަށް ބިއްލޫރި ފުޅި ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފެވެ.
ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބާރު އެޅުވުމަށާއި އާއްމުން އެކަމަށް ހޭލުންތެރިކުރުވުމަށް ޕްލާސްޓިކް ފުޅި މަދު ކުރުމުގެ ގައުމީ ކެމްޕެއިން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ކެމްޕެއިންގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ނުވަތަ ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމަށް މަސައްކަތް ކުރަން ވަނީ ފަށައިފައެވެ.
އެ ކެމްޕެއިނަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލިހާއި ސުޕްރީމް ކޯޓާއި ސަރުކާރުގެ ވުޒާރާތަކާއި ބައެއް ކުންފުނިތަކުން ވެސް ވަނީ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުން ކުރާ ފަށައިފައެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ހާއްސަ ވައުދުފުޅެކެވެ.