އަންނަ ލޯކަލް ކައުންސިލު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން، ބޭރު ގައުމެއްގައި 150 މީހުން ވޯޓު ލާން ރަޖިސްޓްރީ ކޮށްފިނަމަ، އެގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ލޯކަލް ކައުންސިލު އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އެހެންނަމަވެސް އިންތިހާބު ބާއްވަނީ އެމަހުގެ ކޮން ތާރީހެއްގައި ކަމެއް އީސީން ހާމައެއް ނުކުރެެއެވެ.
އީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކައުންސިލު އިންތިހާބުގައި 50 މީހުން ރަޖިސްޓްރީ ކުރާ ރިސޯޓްތަކާއި ސިނާއީ ރަށްތަކުގައި އަދި 25 މީހުން ރަޖިސްޓްރީ ކުރާ ޖަލުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަަހައްޓާފައިވަނީ ސްރީލަންކާގައި އެކަންޏެެވެ. އެގައުމުގައި ވޯޓު ފޮށި ބެހެއްޓީ ވޯޓުލާން 1،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރުމުންނެވެ.
އިލެކްޝަންސް އިން ބުނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ބަހައްޓާ އެހެނިހެން ވޯޓު ފޮށިތަކުގެ ތެެރެއިން ކޮންމެ ފޮއްޓަކަށް ގިނަވަގެން ލެވޭނީ 700 ވޯޓު ކަމަށެވެ. އެގޮތަށް ހަމަޖެއްސީ ވޯޓުލާ ފަރާތްތަަކަށާއި ވޯޓު ގުނާ ފަރާތްތަކަށްވެސް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ. އެ ބަދަލާއެކު ކުރީގެ އިންތިހާބުތަކާ އަޅާބަލާ އިރު، 178 ވޯޓު ފޮށި އިތުރަށް ބަހައްޓަން ޖެހޭނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް، ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައެވެ. އެންމެ ފަހުން، 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން 66 އިންސައްތަ މީހުން ވޯޓު ލާފައިވެއެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 225،987 މީހުންނަށެވެ.
އަދި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް، 655 ކައުންސިލަރުން އެ އިންތިހާބުގައި ހޮވި އިރު، މެޖޯރިޓީ ނަގާފައިވަނީ އޭރު ސަރުކާރާ އިދިކޮޅު އެމްޑީޕީންނެވެ.