އެމެރިކާއިން ކަނޑައަޅާ ޓެރަރިސްޓުންގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ހިމަނައި، އޭނާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި އެ ލިސްޓުގައި ހިމަނާފައިވަނީ މުހައްމަދު އަމީން ނަމަކަށް ކިޔާ ދިވެއްސެކެވެ.
އެނގިފައިވާ ގޮތުގައި އެމެރިކާއިން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައެޅި އަމީނަކީ މަރުތައް ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި އެކުލަވާލި ރިޕޯޓްގައި، ރާއްޖޭގެ އައިއެސް ގޮފީގެ ލީޑަރުގެ ގޮތުގައި ފާހަގަކޮށްފައިވާ މީހާއެވެ.
އެމެރިކާއިން ބުނާގޮތުގައި، އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކޮށްދޭ މީހެކެވެ. އެގޮތުން ކުރިން ސީރިއާ އަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ މީޑިއާއެއްގައި އުޅޭ މީހަކު، އައިއެސްގެ ހަަބަރުތައް ތަރުޖަމާ ކުރުމުގެ މަސައްކަތް ކުރުމަށް 700 ޑޮލަރުގެ މަހު މުސާރައެއް ދީގެން އަފްޣާނިސްތާނަށް ފޮނުވަން ހުށަހެޅިކަން އެނގޭ ކަމަށް ވެސް އޯއެފްއޭސީން ބުނެއެވެ.
އަދި މިދިޔަ އޭޕްރީލް މަހާއި ހަމައަށް ވެސް މީހުން ރެކްރޫޓް ކުރުމުގެ މަސައްކަތް އަމީން ކުރި ކަމަށާއި އެ މަސައްކަތުގައި އޭނާއާއެކު އެހެން މީހުން ވެސް ބައިވެރި ކުރާ ކަމަށް ވެސް އެމެރިކާއިން ބުނެއެވެ. އަދި ބުނީ، ހަނގުރާމަވެރިން ހޯދަން ހަފުތާ އަކު ދިހަ ވަރަކަށް ބައްދަލުވުން އަމީން ބާއްވާ ކަމަށާއި ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަމީނަކީ 29 ސެޕްޓެމްބަރު 2007 ގައި ސަލްޓަން ޕާކްގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރަން އުޅުމުން ލަންކާއަށް ގޮސް ފިލައިގެން އުޅުނު މީހާއެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ނަމަވެސް 2011 ވަނަ އަހަރު ލަންކާ އިން ހައްޔަރުކޮށް ރާއްޖެ ގެނައުމަށްފަހު އޭނާ ވަނީ ދޫކޮށްލައިފައެވެ.