ޝަހީދާ އަބްދުﷲ ސައީދު
ސިޓީ ކައުންސިލްތަކަށް ބާރުތައް ދިނުމަށްޓަކައި، ލާމަރުކަޒީ ގާނޫނަށް ފުށު އަރާގޮތަށް ހުރި ގާނޫނުތައް ބަދަލުކުރަންޖެހޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު، އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބާރުތައް ލިބިގެން ނޫނީ ރަށް ތަރައްގީ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ގާނޫނާ ފުށު އަރާ ގޮތަށް ހުރި ގާނޫނުތައް ބަދަލުކުރަންޖެހޭ ކަމަށް ސޯދިގު ވިދާޅުވިއެވެ.
ސޯދިގު ވިދާޅުވީ އާ ސަރުކާރުން ކައުންސިލްތަކަށް ބާރުތައް ދޭނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވިދާޅުވި ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ދާއިރާތައް ހިންގުމަކީ އިބޫގެ ރިޔާސީ ވައުދެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސޯދިގު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވަނީ ފުދުންތެރިކަން ކަމަށާއި، އެކަން އިތުރުކުރުމަށް ސިޓީ ތަރައްގީ ކުރަންޖެހޭ ކަމަށެވެ. އަދި އެކަން ކުރެވެން އޮތީ ކައުންސިލްތަކަށް ބާރުވެރިކަން ދީގެން ކަމަށް ރައީސް ނަޝީދުއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވެސް ދަންނަވާފައިވާނެ ކަމަށެވެ.
ސޯދިގު ވިދާޅުވީ އިބޫ ހުވާކުރައްވާ ދުވަހުން ފެށިގެން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރުތައް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އަދި ހުވާކުރެއްވުމުގެ ކުރިން ވެސް އެކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ނަޝީދު ދެއްވި ކަމަށެވެ.
ރައީސް ނަޝީދު އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި އެއިދާރާގައި އޮންނަ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއިކުރައްވާފައެވެ.