މީގެ ދެ އަހަރު ކުރިން މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ އާއިލާއަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެ ޔަގީންކަން ދެއްވީ މީދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުން ރައީސް ސޯލިހާ ވަކިން ބައްދަލުކޮށް އަނަސްގެ މަރުގެ މައްސަލަ ބައްލަވައިދެއްވާ، އަނަސްގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ދެންނެވެމުންނެވެ.
ރައްޔިތުން އެގޮތަށް ރައީސްގެ އަރިހުގައި ދެންނެވުމުން ރައީސް ވަނީ އަނަސްގެ އާއިލާގެ އިތުރުން ރަށުގެ ހެޔޮއެދޭ ރައްޔިތުންނަށް ހިތްވަރުދެއްވާ ވާހަކަފުޅު ދައްކަވައިފައެވެ.
އަދި އަނަސްގެ މައްސަލަ އެމަނިކުފާނު އެކުލަވާލާފައިވާ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބަލަމުން ގެންދަވާ ކަމަށާއި އަނަސްގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރ އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކުރި އަނަސް ރަހުމުކުޑަ ގޮތަކަށް މަރާލާފައިވަނީ 31 ޖުލައި 2017 ގައެވެ. އޭނާ މަރާލާފައިވަނީ އޭނާގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅިހަރާ ޒަހަމް ކޮށްލުމަށްފަހުއެވެ. އަނަސްގެ މަރާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އޭނާ މަރާލާފައިވަނީ އެހެން މީހެއް ކަމަށް ހީކޮށް، އޮޅުމަކުން ކަމަށް ބުނެފައެވެ.