ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫ އުމްރާއަށް ފުރާވަޑައިގެންފި

އަހުމަދު ޖައިޝަން

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)، އުމްރާ ދަތުރުފުޅެއްގައި މާލެއިން ފުރާވަޑައިގެންފިއެވެ.

އިބޫ ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އަރުގައި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމު އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ބައެއް ބޭފުޅުން ވަޑައިގެންނެވި އެވެ.

އިބޫ ގެ ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގައެވެ.

އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކައިރިވަމުން އަންނަ އިރު ސަރުކާރު ބަދަލުވުމުގެ ޓްރާންސިޝަންގައި އެމަނިކުފާނު ގެންދަވަނީ ގިނަ ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން މީގެކުރިން ސިންގަޕޫރާއި ސްރީލަންކާއަށްވެސް ވަނީ އިންތިހާބުވެވަޑައިގަތުމަށްފަހު ވަޑައިގެންފައެވެ.