މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ 14 ޕަސެންޓު ދަށަށް

އާނިފާ ހުސެއިން ސިރާޖް

މިދިޔަ އޮގަސްޓު މަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 14 އިންސައްތަ ދަށް ވެއްޖެއެވެ.

މިރާއިން މިއަދު އާއްމުކުރި އެ މުއައްސަސާގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި މިދިޔަ އޮގަސްޓް މަހު އެ ކުންފުންޏަށް ޓެކްސް ކަލެކްޝަން އާަމްދަނީގެ ގޮތުގައި 862.91 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޑޮލަރުން އާމްދަނީގެ ގޮތުގައި 30.9 މިލިއަން ލިބިފައިވާކަމަށް ވެސް މީރާގެ ތަފާސްހިސާބުން ދައްކައެވެ.

މިއީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 14.8 އިންސައްތަ ދަށް އަދަދެއެވެ. އަދި މިއަހަރުގެ އޮގަސްޓް މަހު ލިބޭނެކަމަށް ލަފާކުރި އާމްދަނީއަށްވުރެ 3.4 އިންސައްތަ ދަށް އަދަދެއް ކަމަށްވެސް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ހިދުމަތުން ދައްކާ ޓެކްސް (ޖީއެސްޓީ)ންނެވެ. އެގޮތުން ޖުމްލަ އާމްދަނީގެ 55.8 އިންސައްތަ އަކީ ޖީއެސްޓީގެ ގޮތުގައި މީރާއަށް ލިބިފައިވާ އާމްދަނީއެވެ.

މީރާ އިން ބުނީ އާމްދަނީ ދަށްވެފައިވަނީ ބީޕީޓީ އަދި ޖީއެސްޓީ ދައްކަންޖްހޭ ގިނަ ފަރާތްތަކުން ޓެކްސް ދައްކާފައި ނުވާތިއްޔާއި ލޭންޑް އެކުއިޒިޝަން ކޮސްޓް އަދި ކޮންވެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ފާއިތުވި ތިން އަހަރުގެ ތެރޭގައި އޮގަސްޓް މަހުގައި އެންމެ ބޮޑަށް އާމްދަނީ ދަށްވެފައި ވަނީވެސް މިއަހަރުކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.