ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރ އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ސޯލިހު މީދޫއަށް ވަޑައިގެންފި

މަރިޔަމް ޝަހުދާ

ރ އަތޮޅުގެ ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެއަތޮޅޫ މީދުއަށް ވަޑައިގެންފިއެވެ.

މިއަދު ހެނދުނު ރައީސް މީދޫއަށް ވަޑައިގެންނެވުމުން އެރަށުން ރައީސަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި މީދޫގެ ކައުންސިލްގެ އިތުރުން ރަށުގެ މުއްސަސާތަކުގެ އިސްވެރިންނާއި ރައީސް ބައްދަލު ކުރައްވަން ހަމަޖައްސާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މިދަތުރުފުޅާއި ގުޅިގެން ''ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ މި ދަތުރުފުޅުގައި ރައީސް މީދޫއަށް ވަޑައިގެންނެވީ މީގެ ކުރިން އެރަށަށް ޒިޔާރަތްކުރެއްވިފައި ނުވާތީ ކަމަށެވެ. މީދޫގެ އިތުރުން ދެން ރައީސް ޒިޔާރަތް ކުރެއްވުމަށް ހަމަޖައްސާފައުވަނީ އެއަތޮޅު އަލިފުށްޓަށެވެ.

ރައީސް އަލިފުށްޓަށް ވަޑައިގަތުމަށް ހަމަޖައްސާފައިވަނީ އެރަށު ސްކޫލަށް 50 އަހަރު ފުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. މީގެ އިތުރުން އެރަށުގެ ކައުންސިލް މެންބަރުންނާއި ރަށުގެ އެހެން މުއައްސަސާތަކުގެ އިސްވެރިންނާއި ރައީސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ.