ވޯލްޑް ކަޕް ކޮލިފައިންގައި އިންޑިއާ އިން އޭޝިއާގެ ޗެމްޕިއަން ގަތަރު ހިފަހައްޓައިފިއެވެ.
މިއަހަރުގެ އޭޝިއަން ކަޕްގެ ޗެމްޕިއަން ގަތަރާއި އިންޑިއާ ރޭ ކުޅުނު "ގްރޫޕު އީ"ގެ މެޗު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗު ކުޅުނީ ގަތަރުގައެވެ.
އެ މެޗުގައި ގަތަރަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްވެގެން ދިޔަ ނަމަވެސް، އޭގެ އެންމެ ފުރިހަމަ ބޭނުން ހިފިފައެއް ނުވެއެވެ. ސުނިލް ޗެތުރީއާ ނުލައި އިންޑިއާ އިން ކުޅުނު އެ މެޗުގައި އެންމެ ބޮޑަށް ވިދާލީ އިންޑިއާގެ ގޯލްކީޕަރު ގުޕްރީތު ސިންގް ސަންދޫއެވެ. އޭނާ ވަނީ ގަތަރުގެ ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ.
ރޭގެ މެޗުގެ ކުރިން އޭޝިއާ ގައުމުތަކާ ދެކޮޅަށް މިއަހަރު ގަތަރު ކުޅުނު ހުރިހާ މެޗުތަކަކުން ވެސް ވަނީ މޮޅުވެފައެވެ. އޭޝިއާ ގައުމުތަކާ ދެކޮޅަށް މީގެ ކުރިން ގަތަރުން ކުޅުނު އަށް މެޗުން ޖުމްލަ 25 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. ނަމަވެސް ރޭގެ މެޗުގައި އިންޑިއާ އިން ވަނީ ގަތަރުގެ މޮޅުވުމުގެ ރެކޯޑަށް ނިމުމެއް ގެނެސްފައެވެ.
އެ މެޗުން އެއްވަރުވި ނަމަވެސް، "ގްރޫޕު އީ"ގެ އެއްވަނައިގައި އަދިވެސް އޮތީ ގަތަރެވެ. ކުޅުނު ދެ މެޗުން ގަތަރަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އޮމާނާއި ތިންވަނައިގައި އޮތް އަފްޣާނިސްތާނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އޭގެ ތެރެއިން އޮމާން މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. ހަތަރުވަނައިގައި އޮތް އިންޑިއާއަށް ދެ މެޗުން ޕޮއިންޓެއް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް ބަންގުލަދޭޝަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ބަންގުލަދޭޝް މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ.