އަލީ ރިފްޝާން
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ތިން ރަން މެޑަލް ހޯދި ފާތިމަތު ދީމާ އަލީގެ އަގުވަޒަން ކުރުމަށް އިނާމެއްގެ ގޮތުގައި ބައި މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމައިފިއެވެ.
އުމުރުން 11 އަހަރުގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ދީމާއަށް ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާކަން އިއުލާންކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
މަހުލޫފު ވިދާޅުވީ ކުޅިވަރު ތަރައްގީކޮށް ކުރިއަރުވައި، ރާއްޖެއަށް ރީތި ނަން ހޯދަން މަސައްކަތްކުރުމަކީ މިނިސްޓަރުގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އައިއޯއައިޖީގެ ކާމިޔާބަށް ދީމާއަށް 535،000 ރުފިޔާ ލިބޭނެ ކަމަށެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ވެސް މަހުލޫފު ވަނީ އުފާވެރި ހަބަރެއް ދެއްވައިފައެވެ. އެ މެޗުން ބަލިނުވެއްޖެ ނަމަ، ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އެއް ލައްކަ ރުފިޔާ ދޭނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ. ނަމަވެސް ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު އެ މެޗުން 5-0ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ.
އިނާމެއްގެ ގޮތުގައި ބައި މިލިއަން ދޭން ސަރުކާރުން ނިންމި ދީމާ ވަނީ މިދިޔަ ޖުލައި މަހު ނިމިގެންދިޔަ އައިއޯއައިޖީގެ ޓީޓީ ސިންގަލްސް އިވެންޓާއި ޑަބަލްސް އިވެންޓު އަދި ޓީމު އިވެންޓުގެ ރަން މެޑަލް ހޯދައިފައެވެ. އެ މުބާރާތުގައި ރާއްޖެއިން ޖުމްލަ 15 މެޑަލް ހޯދާފައިވެއެވެ.