ބޮލުން އިސްތަށި ފޭބުމަކީ، ކޮންމެ މީހަކުވެސް ދެރަވާނެ ކަމެކެވެ. އެހެންނަމަވެސް، ބޮނޑި ބޮނޑިއަށް، އެއްފަހަރާ އެތައް އިސްތައްޓެއް ފައިބާނަމަ، އެއީ ހިތަށް ކުޅަދާނަ ކަމަކަށް ނުވާނެކަން ޔަގީނެވެ. ދެން ވިސްނާލާށެވެ. ކެންސަރު ފަދަ ބޮޑު ބައްޔެއް ތަހައްމަލު ކުރަމުން އަންނަ މީހެއްގެ ބޮލުން، ކޮންމެ ދުވަހަކު އެހާ ގިނައިން އިސްތަށި ފޭބުމުން، އެފަދަ މީހުންނަށް ކިހާ އަސަރެއް ކުރާނެހެއްޔެވެ؟
ކެންސަރަށް ދޭ ފަރުވާގެ ގިނަ "ސައިޑްއިފެކްޓްސް"ހުރެއެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ އިސްތަށި ފޭބުމެވެ. ބޮލުން އެކަންޏެއްވެސް ނޫނެވެ. ބުމައާއި އެސްފިޔަތަކުންވެސް މެއެވެ. "ކީމޯތެރަޕީ"އަކީ ހަށިގަނޑުގައި އިސްތަށި ހުންނަ ކޮންމެ ގުނަވަނަކުން، އިސްތަށި ފައިބާން މެދުވެރި ކުރުވާ ފަރުވާއެކެވެ. އެހެންނަމަވެސް އެއީ ކެންސަރުން ސަލާމަތްވުމަށްޓަކައި ނުކޮށް ފަރުޖެއްސޭނެ ފަރުވާއެއް ނޫނެވެ.
އިސްތަށި ފޭބުމުން އަސަރު ކުރުވާނީ އިންސާނާގެ ސިފައަށް އެކަންޏެއް ނޫނެވެ. އެއީ ނަފްސާނީ ގޮތުންވެސް މީހާ ޑިޕްރެޝަން، އަދި އެންޒައިޓީއަށް މަގުފަހި ކުރުވާ ކަމެކެވެ.
ކެންސަރު ބަލިހުންނަ މީހުންނަށްޓަކައި އިންޑިއާގެ އުމުރުން 65 އަހަރުގެ އަރޫނާ މަލްހަން ވަނީ އޭނާގެ ބޯ ބާލައި، އިސްތަށިގަނޑު، ކެންސަރުގެ ވޭން ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށްޓަކައި ހަދިޔާ ކުރަން ނިންމާފައެވެ. އަރޫނާ ހަދިޔާ ކުރާ އިސްތަށި ބޭނުންކުރާނީ "ހޯޕް ފޯ ހެއަރ އިންޑިއާ"އިން ވިގު ހެދުމަށެވެ. އަރޫނާ ބުނިގޮތުގައި އިސްތަށިގަނޑުގެ ހަދިޔާ ވެގެންދާނީ، ކެންސަރު ޕޭޝަންޓުންނަށް ވަރަށް މުހިންމު ހަދިޔާއަކަށެވެ.
މިއީ އަރޫނާ، ކެންސަރަށް ފަރުވާ ކުރާ މީހުންނަށްޓަކައި، އޭނާގެ އިސްތަށިގަނޑު ގުރުބާން ކުރާ އެންމެ ފުރަތަމަ ފަހަރެއް ނޫނެވެ.
"މީގެ ކުރިންވެސް ދެފަހަރަކު އިސްތަށި ހަދިޔާ ކުރިން. އެކަމަކު މިއީ ބޯ އެއްކޮށް ބާލާ ފުރަތަމަ ފަހަރު" އޭނާ ބުންޏެވެ.
އަރޫނާ ބުނިގޮތުގައި ކެންސަރުގެ ސަބަބުން ހިތްދަތިކަން ތަހައްމަލު ކުރަމުންދާ މީހުންނަކީ އޭނާގެ ހިތާއި ގުޅިފައިވާ ބައެކެވެ. ކެންސަރު ބަލީގައި އަރޫނާގެ އާއިލާގެ ތިން މީހަކު މި ދުނިޔެ ދޫކޮށްފިއެވެ. އަދި އޭނާގެ މަންމައަށް މިހާރުވެސް އަންނަނީ އުރަމަތީގެ ކެންސަރު ޖެހިގެން ފަރުވާ ދެމުންނެވެ.
އަރޫނާ ބުނީ ކެންސަރު ހުންނަ މީހުންނަށްޓަކައި އިސްތަށި ހަދިޔާ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަމަށް މީހުން ހޭލުންތެރި ކުރުވުމަކީވެސް، އެހާމެ ބޭނުންތެރި ކަމެއް ކަމަށެެވެ.
"މީހުންނަށް އެކަން އެނގޭނީ ހޭލުންތެރިވެގެން. މީހަކު އެވާހަކަ ދައްކައިގެން އެކަމުގެ މުހިންމުކަން އެނގޭނީ. އިސްތަށިގަނޑު ދިގު ވަރަށް ބައިވަރު މީހުން އެބަތިބި. އެފަދަ މީހުންނަށް އިސްތަށި ދެވިދާނެ. އެކަން މައްސަަލައަކަށް ވާނީ ކިހިނެއް؟ އެ އިސްތަށިގަނޑު އަލުން ދިގުވާނެ" އަރޫނާ ބުންޏެވެ.