ޚަބަރު

ފުލުހުންގެ އޮޕަރޭޝަން: ހުޅުމާލޭގެ ދެ ތަނެއް ވެސް ބަލައި ފާސްކުރަނީ

ފަތޯނާ ފާއިޒު

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފެދި ރިޔާސީ ކޮމިޝަންގެ އެދުމުގެ މަތިން ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންގައި ހުޅުމާލޭގެ ދެ ތަނެއް ވެސް ބަލައި ފާސްކުރަން ފަށައިފިއެވެ.

ފުލުހުން އެކަން މީޑިއާތަކަށް ކަށަވަރު ކޮށްދިން ނަމަވެސް ބަލައިފާސް ކުރަމުންދަނީ ކޮން ތަންތަނެއް ކަމެއް ފުލުހުން ނުބުނެއެވެ.

ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގަށް، މަރުތައް ބަލާ ކޮމިޝަނުގެ އެދުމަށް ކޯޓު އަމުރުގެ ދަށުން ފުލުހުން މިއަދު ހަވީރުން ފެށިގެން އަންނަނީ މާލެ، އަދި އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސް ކުރަމުންނެވެ. އެގޮތުން މާލޭގެ ދެތަނެއް މިހާރު ވެސް ފާސް ކުރަމުން އަންނައިރު، މިއަދު އިތުރު ފަސް ތަނަކަށް ވަދެ ބަލައި ފާސްކޮށްފައިވެއެވެ.

"ވަން"އަށް މައުލޫމާތު ދެއްވަމުން، ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު ހިންގަމުންދާ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި މީހަކު ހައްޔަރު ކުރިޔަސް، އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވޭނީ ފަހުން ކަަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރިލްވާންގެ މައްސަލައިގެ ތަހުގީގަށް، މޫނު ނިވާކޮށްގެން ތިބި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، މާލޭގައި ހަތިޔާރު އެޅި ސިފައިންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.