ވޯލްޑް ކަޕް ކޮލިފައިން

މި ބައްޔަކީ ނިމުމެއް ނޫން، ކުރިއަށް ހުރި މެޗުތަކުން ދަގަނޑޭއާއެކު މޮޅުވާނަން: ފައިސަލް

އަލީ ރިފްޝާން

ވޯލްޑް ކަޕް ކޮލިފައިންގައި 5-0ގެ ނަތީޖާއަކުން ޗައިނާ އަތުން ބަލިވި ބަލިވުމަކީ ނިމުމެއް ނޫން ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތްކުރާނެ ކަމަށް ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ބުނެފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު ކޮލިފައިންގެ "ގްރޫޕު އޭ"ގެ މެޗުން ބަލިވި ނަމަވެސް، ކުޅުންތެރިން ވަރަށް މަސައްކަތްކުރި ކަމަށް ކީޕަރު ފައިސަލް ގަބޫލުކުރެއެވެ. އަދި ޓީމުގައި ދަގަނޑޭ ހުރުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން ވެސް ފައިސަލް ފާހަގަކުރިއެވެ.

"މިއަދު ހުރިހާ ކުޅުންތެރިން ވެސް މަސައްކަތްކުރި. 5-0 އިން ބަލިވިޔަސް، މި ނިމުނީއެއް ނޫން. އިރާދަކުރެއްވިއްޔާ އަދި ކުރިއަށް އޮތީ. އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި މެޗުތަކުގައި މިއަށްވުރެ ރަނގަޅު ނަތީޖާތަކެއް ނެރޭނަން. ދަގަނޑޭ ޓީމުގައި ހުރުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި މެޗުތަކުގައި ދަގަނޑޭއާއެކު ކާމިޔާބީއަކާ ހަމައަށް ދާނީ،" މިރޭގެ މެޗަށް ފަހު އޭނާ ބުންޏެވެ.

ކީޕަރު ފައިސަލް ބުނީ ފުރަތަމަ ހާފުގައި އޮފްސައިޑް ގޯލެއް ކަމަށް ބުނެ ކުޅުންތެރިންނަށް އުޅެވުނީ މާބޮޑަށް އެކަމަށް އެޕީލްކުރަން ކަމަށާއި ދެ ޕެނަލްޓީ ދިނުމުން ކުޅުންތެރިން ކުޑަކޮށް މާޔޫސްވި ނަމަވެސް، ލަނޑެއް ޖެހުމަށް ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މަސައްކަތްކުރި ކަމަށެވެ.

މިރޭ ކުޅުނު މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުން ރާއްޖެއިން މެޗުގެ ބާކީ ބައި ފުރިހަމަކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކުއެވެ. އެ ރަތް ކާޑަށް ފަހު ޗައިނާއިން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

މިރޭގެ އެ ނަތީޖާއާއެކު ޗައިނާ ވަނީ ގޯލުގެ ތަފާތުން "ގްރޫޕު އޭ"ގެ އެއްވަނައަށް ޖެހިލައިފައެވެ. ޗައިނާ އާއި ދެވަނައިގައި އޮތް ސީރިއާ އާއި ތިންވަނައިގައި އޮތް ފިލިޕީންސް އަދި ހަތަރުވަނައިގައި އޮތް ރާއްޖެއަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އޭގެ ތެރެއިން ޗައިނާ އާއި ސީރިއާ އިން މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ތިންވަނަ މެޗަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ ދިހަވަނަ ދުވަހުއެވެ. ރަށުން ބޭރުގައި ކުޅޭ އެ މެޗުގައި ރާއްޖެ ނުކުންނަން ޖެހޭނީ ސީރިއާއާ ދެކޮޅަށެވެ. އެ މެޗަކީ ސީރިއާގެ ހޯމް މެޗު ކަމުގައިވީ ނަމަވެސް، އެ މެޗު ކުޅޭނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައެވެ.