އަލީ ރިފްޝާން
ވޯލްޑް ކަޕް ކޮލިފައިންގައި ވަރުގަދަ ޗައިނާއިން ރާއްޖެ ބަލިކޮށް، ފެށުން ރަނގަޅުކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ރާއްޖޭގެ މައްޗަށް ޗައިނާއިން ކުރި ހޯދީ 5-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)އަށް ދެއްކި ރަތް ކާޑާ ގުޅިގެން ރާއްޖެ އިން މެޗުގެ ބާކީ ބައި ފުރިހަމަކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކުއެވެ.
މެޗުގެ ފުރަތަމަ ހާފު ފެށުނީއްސުރެ، މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެމުންދިޔައީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން ވަނީ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ޑިފެންޑަރުންނާއި ކީޕަރު މުހައްމަދު ފައިސަލް ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ.
މެޗުގައި ޗައިނާއިން ލީޑު ހޯދީ 33 ވަނަ މިނެޓުގައެވެ. ވޫ ލެއި ނަގައިދިން ހުރަހަކުން ޗައިނާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ވޫ ޒީއެވެ. މި ލަނޑު ޖެހި އިރު، ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން އަކޫއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އޮތީ ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓިފައެވެ. އޭނާ ފަރުވާ ހޯދާފައިވަނީ ޗައިނާގެ ލަނޑަށްފަހުއެވެ.
ޗައިނާ އިން ވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. ޔަންގް ޒޫ ބޮލުން ޖައްސާލި ބޯޅައަކުން ޗައިނާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ވޫ ލެއި އެވެ. އޭނާއަކީ ސްޕެނިޝް ލަލީގާގައި ވާދަކުރާ އެސްޕަނިޔޯލްއަށް ކުޅެމުން އަންނަ ފޯވަޑެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗައިނާގެ ބްރެޒިލަށް އުފަން ފޯވަޑް އަލްކެސަންއަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިރޭގެ މެޗަކީ އޭނާ ޗައިނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ޗައިނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފަށް ރާއްޖެއިން ނުކުތީ ބަދަލަކާއެކުއެވެ. އަލީ އަޝްފާގު (ދަގަނޑޭ)ގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ހަސަން ނާއިޒް (ދާދު) އެވެ. އެ ބަދަލާއެކު ދެވަނަ ހާފުގެ ކުރީކޮޅުގައި ރާއްޖެއިން ވަނީ ކުރިއަށް ޖެހި، ޗައިނާގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ.
ފުރުސަތުތަކަކަށް ފަހު ޗައިނާގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން 62 ވަނަ މިނެޓުގައެވެ. ޗައިނާއަށް އެ ޕެނަލްޓީ ލިބުނީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ހުސައިން ނިހާން (ނިހާޓު) ކުރި ފައުލަކާ ގުޅިގެންނެވެ. ޗައިނާއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޔަންގް ޒޫއެވެ.
ރާއްޖެއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް، ކެޕްޓަން އަކޫއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައި، ޗައިނާއަށް ޕެނަލްޓީއެއް ދިނުމުންނެވެ. އަކޫއަށް ކާޑު ދެއްކީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ޔައޯ ޝިހައޯއަށް ކުރި ފައުލަކާ ގުޅިގެންނެވެ. ޗައިނާއަށް އެ ޕެނަލްޓީ ކާމިޔާބުކޮށް، ހަތަރު ލަނޑުގެ ލީޑެއް ހޯދައިދިނީ ބްރެޒިލަށް އުފަން ފޯވަޑް އަލްކެސަންއެވެ.
ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ރާއްޖޭގެ ކޮޅަށް ޗައިނާގެ ފަސްވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ޔައޯ ޝިހައޯ ދިން ބޯޅައަކުން ޗައިނާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ހަތަރު ލަނޑު ވެސް ކާމިޔާބުކޮށްދިން އަލްކެސަންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
އެ ނަތީޖާއާއެކު ޗައިނާ ވަނީ ގޯލުގެ ތަފާތުން "ގްރޫޕު އޭ"ގެ އެއްވަނައަށް ޖެހިލައިފައެވެ. ޗައިނާ އާއި ދެވަނައިގައި އޮތް ސީރިއާ އާއި ތިންވަނައިގައި އޮތް ފިލިޕީންސް އަދި ހަތަރުވަނައިގައި އޮތް ރާއްޖެއަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އޭގެ ތެރެއިން ޗައިނާ އާއި ސީރިއާ އިން މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ތިންވަނަ މެޗަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ ދިހަވަނަ ދުވަހުއެވެ. ރަށުން ބޭރުގައި ކުޅޭ އެ މެޗުގައި ރާއްޖެ ނުކުންނަން ޖެހޭނީ ސީރިއާއާ ދެކޮޅަށެވެ. އެ މެޗަކީ ސީރިއާގެ ހޯމް މެޗު ކަމުގައިވީ ނަމަވެސް، އެ މެޗު ކުޅޭނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައެވެ.