ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް ދިމާވި އެންމެހާ މުސީބާތްތަކުގެ އަސްލަކީ ރައްޔިތުންގެ މަޖިލީހުގައި ޚިޔާނާތްތެރިން ގިނަވުން ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވުމާއި ގުޅިގެން 12 މެންބަރުން ނިޔާޒަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ނިޔާޒުގެ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން 12 މެންބަރުންގެ ފަރާތުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެއްވެސް އިރެއްގައި މެންބަރުންނަށް ގޯސްކޮށް ކަމެއް ނުކުރެވޭ ވާހަކަ ނުދަންނަވާ ކަމަށާއި، ނަމަވެސް އެކަންކަން ރަނގަޅު ކުރުމަށް ނުކުމެ ގުރުބާންވާން އެމެންބަރުންނަށް ކެރިވަޑައިގެންނެވި ކަމަށެވެ.
އަދި ރައީސް ޔާމީންގެ އަޅުވެތިކަމުން ނުކުތީ، އެ އަޅުވެތިކަން ގަބޫލު ނުކުރާތީ، ''ވާހާލެއްގައި ވާން'' ކަމަށް މެންބަރުންގެ ޓުވީޓުގައި ވިދާޅުވިއެވެ.
12 މެންބަރުން އިތުރަށް ވިދާޅުވީ ބޭއިންސާފާ ދެކޮޅަށް ހަނގުރާމަކުރަން ބޭނުންވެ، ރާއްޖެ ދޫކޮށް ވަޑައި ނުގެން ޖަލަށްގޮސްގެންނާއި، އަދި އެތައް ގޮތަކުން މިގައުމުގައި ތިބެގެން ގުރުބާންވި އެތައް ބަޔަކު އެބަތިބި ކަމަށެވެ. ނަމަވެސް ނިޔާޒު ހުންނެވީ ކޮންތާކުތޯ ސުވާލު ކުރައްވައި ބާރަ މެންބަރުން ވަނީ ރައީސް ޔާމީންގެ އަނިޔާވެރިކަމާ ދެކޮޅަށް ނިޔާޒު ކުރެއްވި މަސައްކަތެއް އެބައޮތްތޯ ސުވާލު ކުރައްވައިފައެވެ.
އަދި މީގެއިތުރުން އޭރު އޮތް ބިރުވެރި މާހައުލާއި ކުރިމަތިލާން ބޭނުން ނުވެ، ރާއްޖެއިން ބޭރަށް ވަޑައިގެން ހިހޫތަނުގައި ހުންނެވުމަށްފަހު، ގައުމަށް އެނބުރި ވަޑައިގެން މޮޅެތި ވާހަކަ ނުދެއްކެވުމަށް ނިޔާޒުއަށް ބާރަ މެންބަރުން ވަނީ ގޮވާލައްވާފައެވެ. އަދި ތިމާއަށްވުރެ ބޮޑު އިންޓެގްރިޓީ އޮތް މީހަކު މިގައުމުގައި ނެތްކަމަށް ހެދިގެން ނޫޅުއްވުމަށް ވެސް މެންބަރުން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުންނަށް ނިސްބަތް ކުރައްވައި ނިޔާޒު ތަފާތު ޓުވީޓުތައް ކުރައްވަން ފެއްޓެވުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި، މަޖިލީހުގެ ވަކިވަކި މެންބަރުން ވެސް ގެންދަވަނީ މީސް މީޑިއާގައި ނިޔާޒަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު އާއި، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވެސް މިއަދު ވަނީ ނިޔާޒަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.
މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒު އިބްރާހީމް ބައްލަވައިގަންނަން އުޅުއްވި ދެ ފުލެޓަށް ފިނޭންސް މިނިސްޓްރީގެ ލޯނަކުން ފައިސާ ދައްކަން ބޭނުންފުޅުވި ކަމަށާއި، ނަމަވެސް އެކަމަށް ރައީސް ޔާމީން އިންކާރު ކުރެއްވި ކަމަށެވެ. މުސްތަފާ ވިދާޅުވީ ރައީސް ޔާމީން އެކަމަށް އިންކާރު ކުރެއްވި ސަބަބު އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ.