ޚަބަރު

ފުލުހުންގެ އޮޕަރޭޝަން: ފަސް ތަނެއް ދަނީ ފާސްކުރަމުން، އަދި މީހަކު ހައްޔަރެއް ނުކުރޭ

ފަތޯނާ ފާއިޒު

ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މާލެ އާއި އައްޑޫ ސިޓީގައި ހިންގަމުންދާ އޮޕަރޭޝަންގައި ފަސް ތަނެއް ބަލައި ފާސް ކުރަމުން އަންނަ ކަަމަށެވެ. ނަމަވެސް އަދި އެއްވެސް މީހަކު ކޮށްފައި ނުވާ ކަމަށް ބުނެފައިވެއެވެ.

ފުލުހުން މީގެ ކުރިން "ވަން" ބުނީ، އޮޕަރޭޝަންގައި މީހަކު ހައްޔަރު ހައްޔަރު ކުރިއަސް، އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނީ އޮޕަރޭޝަން ނިމުމުން ކަމަށެވެ.

އޮޕަރޭޝަނާ ގުޅިގެން ފުލުހުން މީޑިއާއަށް ބުނީ، އެ އޮޕަރޭޝަަަނަކީ ރިޔާސީ ކޮމިޝަނުން ބަލާ ފާސްކުރަން ބޭނުންވާ ތަންތަނާއި މީހުން ބަލާ ފާސް ކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. އަދި ތަންތަން ބަލައި ފާސްކުރަމުން ދަނީ މަރުތައްބަލާ ކޮމިޝަންގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތަކުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އޮޕަރޭޝަނާ ގުޅިގެން މާލެ އާއި އައްޑޫ ސިޓީގެ އާންމު ސަލާމަތީ ކަންކަން ވެސް ފުލުހުން އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، އޮޕަރޭޝަންގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓާއި ސްޕެޝަލިސްޓް އޮޕޕަރޭޝަން ޑިޕާޓްމެންޓާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ފުލުހުން ދަނީ ބައިވެރިވަމުންނެވެ.