މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 5-0ގެ ނަތީޖާއަކުން ޗައިނާ މޮޅުވެގެން.
'90+1- ޗައިނާއިން އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފި. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ޗައިނާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލްކެސަން. އޭނާއަށް ބޯޅަ ލިބުނު އިރު، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ އޭނާ ހުރީ ވަރަށް ހުސްކޮށް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'87- ޗައިނާގެ ހަމަލާއެއް. ހިލޭ ޖެހުމަކުން ވެއި ޝިހައޯ ފޮނުވާލި ހަމަލާ ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައި.
'85- ރާއްޖެއިން ބަދަލެއް. ފޭދޫ އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ ސަމްދޫހު މުހައްމަދު.
'81- ޗައިނާގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބްރެޒިލަށް އުފަން ފޯވަޑް އަލްކެސަން.
'81- ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ޔައޯ ޝިހައޯއަށް ކެޕްޓަން އަކޫ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި، ޗައިނާއަށް ޕެނަލްޓީއެއް ދީފި.
'78- ޗައިނާގެ ބަދަލެއް. ކެޕްޓަން ހައޮ ޖުންމިންގެ ބަދަލުގައި ކުޅެން ނުކުތީ ޔަޔޯ ޖުންޝެންގް.
'78- ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ސަމޫހު އަލީ (ސަމުއްޓޭ) އަށް ކުރި ފައުލަކާ ގުޅިގެން ޗައިނާގެ ވެއި ޝިހައޯއަށް ރީނދޫ ކާޑެއް.
'77 - ޗައިނާއަށް އިތުރު ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށް ފަހު، ޗައިނާގެ ވޫ ލެއި ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
'74- ޗައިނާއަށް ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ހިލޭ ޖެހުން ރާއްޖޭގެ ޑިފެންޑަރު ސިފާއު ވަނީ ދިފާއުކޮށްފައި. ނަމަވެސް ޕެނަލްޓީ އޭރިއާ ބޭރުން އެ ބޯޅަ ލިބުނީ ވެއި ޝިހައޯއަށް. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ކީޕަރު ފައިސަލްއާ ދިމާއަށް.
'73 - އަކޫ ކުރި ފައުލަކާ ގުޅިގެން ޗައިނާއަށް ހިލޭ ޖެހުމެއް.
'70- ރާއްޖެއަށް ފުރުސަތެއް. ހަމްޕު ދިން ބޯޅައެއް ޗައިނާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށް ފަހު، ފޭދޫ އިއްބެ ފޮނުވާލި ހަމަލާ ޗައިނާގެ ޑިފެންޑަރެއް ފައިގައި ޖެހިފައި ވަނީ ކޯނަރަކަށް ބޭރުވެފައި.
'68- ޗައިނާގެ ބަދަލެއް. ޔަންގް ޒޫގެ ބަދަލުގައި ކުޅެން ނުކުތީ ވެއި ޝިހައޯ.
ޗައިނާގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޔަންގް ޒޫ.
'62- ޗައިނާއަށް ޕެނަލްޓީއެއް. ޗައިނާއަށް މި ޕެނަލްޓީ ލިބުނީ ކޯނަރެއްގެ ތެރެއިން ނިހާޓު ކުރި ފައުލަކާ ގުޅިގެން.
'56- ރާއްޖެއަށް އިތުރު ފުރުސަތެއް. ކޯނަރެއްގެ ތެރެއިން އައިސަމް ފޮނުވާލި ހަމަލާ މިފަހަރުވެސް މަތަކުރީ ޗައިނާގެ ކީޕަރު ޔަން ޖުންގްލިން. އޭނާ އެ ހަމަލާ ފޮނުވާލީ ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕު ދިން ބޯޅައަކުން.
'55- ރާއްޖެއަށް ކައިރިކައިރީގައި ދެ ފުރުސަތެއް. ހިލޭ ޖެހުމުން އަކޫ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް. އަދި އެ ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ދާދު ފޮނުވާލި ހަމަލާ ޗައިނާގެ ކީޕަރު ޔަން ޖުންގްލިން ވަނީ މަތަކޮށްފައި.
'54- ޗައިނާގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެއަށް ޗައިނާގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް.
މި ހާފުގައި ރާއްޖެއިން އަންނަނީ ކުރިއަށް ޖެހި، ޗައިނާގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކުރަމުން.
'53- ހިލޭ ޖެހުމަކުން ޗައިނާގެ އަލްކެސަން ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ފައިސަލް ހޯދައިފި.
'51- ޗައިނާއަށް ހުސް ފުރުސަތެއް. ވަންގް ގަންގް ނަގައިދިން ހުރަހަކުން ޔަންގް ޒޫ، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
'48- ރާއްޖެއަށް ފުރުސަތެއް. ދާދު ދިން ބޯޅައެއް ހިފައިގެން ފޭދޫ އިއްބެ ޗައިނާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، އޭނާ ވަނީ ޗައިނާގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައި. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއަށް ގަސްދުގައި ވެއްޓުން ކަމަށް ނިންމައި، ރެފްރީ ވަނީ ފޭދޫ އިއްބެއަށް ރީނދޫ ކާޑެއް ދައްކާފައި.
މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަނީ ޗައިނާގެ ފޯވަޑް ވޫ ލެއި. އޭނާއަކީ ސްޕެއިން ލަލީގާގައި ވާދަކުރާ އެސްޕަނިޔޯލްއަށް ކުޅޭ ކުޅުންތެރިއެއް. ފުރަތަމަ ލަނޑު ޖަހާފައިވަނީ އޭނާގެ އެސިސްޓަކުން. އަދި ޗައިނާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ އޭނާ.
ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޗައިނާއިން.
ރާއްޖެއިން ދެވަނަ ހާފަށް ކުޅެން ނުކުތީ ބަދަލަކާއެކު. ދަގަނޑޭގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ނާއިޒް (ދާދު).
ރަސްމީކޮށް ރާއްޖޭގެ ގައުމީ ޓީމުގެ ޖާޒީ ރައީސް ސޯލިހު އިފުތިތާހުކޮށްދެއްވައިފި.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމުނީ 2-0ގެ ނަތީޖާއަކުން ޗައިނާ ކުރީގައި އޮވެގެން.
އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
ވޫ ލެއި މި ލަނޑު ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ޔަންގް ޒޫ ބޮލުން ޖައްސާލި ބޯޅައަކުން.
'44- ޗައިނާއިން ލީޑު ފުޅާކޮށްފި. ޗައިނާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ވޫ ލެއި.
'40- ޗައިނާއަށް ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ހުރަހަކުން އަލްކެސަން ބޮލުން ފޮނުވާލި ހަމަލާ، އައިސަމް ބޮލުގައި ޖެހިފައި ކޯނަރަކަށް ވަނީ ބޭރުވެފައި.
'39- ވޫ ލެއިއަށް ކުރި ފައުލަކާ ގުޅިގެން ރާއްޖޭގެ ކެޕްޓަން އަކޫއަށް ރީނދޫ ކާޑެއް.
'37- ޗައިނާއަށް ހުސް ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ވޫ ޒީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
ވޫ ލެއި ނަގައިދިން ހުރަހަކުން ޗައިނާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ވޫ ޒީ. މި ލަނޑު ޖެހި އިރު، ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން އަކޫއަށް ވަނީ އަނިޔާވެފައި.
'33- ޗައިނާއިން ލީޑު ހޯދައިފި.
28'- ޗައިނާގެ ހަމަލާއެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ހުރަހަކުން ވޫ ލެއި ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
'26- ޗައިނާއަށް އިތުރު ފުރުސަތެއް. ހުރަހަކުން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ޔަންގް ޒޫ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް.
'25- ޗައިނާއަށް ހުސް ފުރުސަތެއް. ހުރަހަކުން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ވޫ ލެއި ބޮލުން ފޮނުވާލި ބޯޅަ، ގޯލާ އަމާޒުވެފައެއް ނުވޭ.
'23- އަލްކެސަންގެ ނުރައްކާތެރި ހަމަލާއެއް. ޗައިނާއަށް ލިބުނު ކޯނަރަކުން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން އަލްކެސަން ފޮނުވާލި ބާރު ހަމަލާ، ކީޕަރު ފައިސަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
22' - ޗައިނާއަށް ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން އަލްކެސަންގެ ބޯޅަ، ރާއްޖޭގެ ކީޕަރު ވަނީ މަތަކޮށްފައި.
'19 - ޗައިނާގެ އަލްކެސަންގެ ނުރައްކާތެރި ފައުލަކާ ގުޅިގެން ރާއްޖޭގެ ނިހާޓުއަށް އަނިޔާވެއްޖެ. އެ ފައުލާ ގުޅިގެން އަލްކެސަންއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައި.
'17- ޗައިނާއަށް ފުރުސަތެއް. ހުރަހެއްގެ ތެރެއިން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އަލްކެސަން ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
'17 - ދަގަނޑޭ ނުރައްކާކުރުމަށް މަސައްކަތްކޮށްފި. ޗައިނާގެ ދެ ކުޅުންތެރިޔަކު ވަނީ ހުރަސް އަޅާފައި.
ޔަންގް ޒޫ ފޮނުވާލި ހިލޭ ޖެހުން، ދަގަނޑޭ ގައިގައި ޖެހިފައި ވަނީ ބްލޮކްވެފައި.
'14 - ޗައިނާއަށް ހިލޭ ޖެހުމެއް. ޗައިނާއަށް މި ޕެނަލްޓީ ލިބުނީ ވޫ ލެއިއަށް ރާއްޖޭގެ ޕެނަލްޓީ އޭރިއާ ކައިރިން ސިފާއު ކުރި ފައުލަކާ ގުޅިގެން.
ޗައިނާ އިން މެޗުގެ ކޮންޓްރޯލް ހޯދައިގެން ނުރައްކާކުރުމަށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، ރާއްޖޭގެ ޑިފެންސް ފެންނަނީ ވަރަށް ވަރުގަދަކޮށް.
'10 - ޗައިނާގެ ބްރެޒިލް ފޯވަޑް އަލްކެސަންއަށް ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާއަށް ވަނީ ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުކުރެވިފައި.
'8- ޗައިނާގެ ކުޅުންތެރިޔަކު ބޯޅަ ހިފައިގެން ޕެނަލްްޓީ އޭރިއާ ތެރެއަށް ވަންނަނިކޮށް، ރާއްޖޭގެ ކެޕްޓަން އަކޫ ޓެކަލްކޮށް ބޯޅަ ހޯދައިފި.
6' - ކޯނަރަކުން ޗައިނާ ނުރައްކާކޮށްފި. ޗައިނާ އިން ނެގި ކޯނަރު ހޯދަން ކީޕަރު ފައިސަލް ނުކުތް ނަމަވެސް، އޭނާއަށް އެ ބޯޅަ ހޯދިފައެއް ނުވޭ. ޗައިނާ އިން ފޮނުވާލި ހަމަލާ އަނެއްކާވެސް ވަނީ ކޯނަރަކަށް ބޭރުވެފައި.
'4 - ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ޗައިނާ އިން ނެގި ނުރައްކާތެރި ހުރަސް، އަކޫ ދިފާއުކޮށްފި.
'2 - ޗައިނާ އިން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ހުރަސް، ނިހާޓު ދިފާއުކޮށްފި.
'2 - ރާއްޖެއަށް ފުރުސަތެއް. އަކޫ ނަގައިދިން ހިލޭ ޖެހުން ދިޔައީ ޗައިނާ ގޯލުގެ ހުރަސްކޮށް ބޭރަށް.
'1 - ޗައިނާގެ ފައުލެއް. ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ދަގަނޑޭ މަސައްކަތް ކުރަނިކޮށް، ޗައިނާގެ ކުޅުންތެރިޔަކު ވަނީ ދަގަނޑޭއަށް ފައުލްކޮށްފައި.
މެޗުގެ ކުޅުން ފަށައިފި. ރާއްޖޭގެ އެންމެ ކުރިއަށް ކުޅެނީ ދަގަނޑޭ.
މެޗު ކިކްއޯފް ކުރާނީ ރާއްޖެއިން.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރީންނަށް މަރުހަބާ!
މިރޭ 8:00ގައި ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅޭ މެޗަކީ ޗައިނާގެ ފުރަތަމަ މެޗު. އަދި މިއީ ރާއްޖޭގެ ދެވަނަ މެޗު. ރާއްޖޭގެ ފުރަތަމަ މެޗުގައި ގުއާމް އަތުން ވަނީ 1-0ގެ ނަތީޖާއަކުން މޮޅުވެފައި. ރަށުން ބޭރުގައި ކުޅުނު އެ މެޗުގައި ރާއްޖޭގެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ).
މިރޭގެ މެޗަށް ނެގި ރާއްޖެ އިން ނެގި ފުރަތަމަ 11 އިން ދާދި ފަހުން އަލުން ސްކޮޑުން ޖާގަ ދިން އަލީ އަޝްފާގު (ދަގަނޑޭ) އަށް ވަނީ ފުރުސަތު ދީފައި. ނަމަވެސް މިރޭގެ މެޗުގައި ކެޕްޓަނެއްގެ ދައުރު އަދާކުރާނީ އަކްރަމް އަބްދުލްޣަނީ (އަކޫ).
މި މެޗުގައި ޗައިނާގެ ފުރަތަމަ 11 އަށް ބްރެޒިލަށް އުފަން ކުޅުންތެރިޔާ އަލްކެސަން ވަނީ ނަގާފައި. މި މެޗަކީ ޗައިނާގެ ގައުމީ ޓީމަށް އޭނާ ކުޅޭ ފުރަތަމަ މެޗު. ޗައިނާގެ ކޯޗަކީ އިޓަލީއަށް 2006ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިއްޕީ.
ރާއްޖެ އާއި ޗައިނާ ވަނީ މީގެ ކުރިން ހަތަރު ފަހަރަކު ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކޮށްފައި. އެ ހަތަރު މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައި.