ހައިކޯޓު

ޝީރީން މަރާލި ކަމަށް ތުހުމަތު ކުރެވޭ ނަޖާހު ދޫވެއްޖެ

ފަތޯނާ ފާއިޒު

ދެހާސް ނުވަ ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އޭނާގެ ލޯބިވެރިޔާ، ލ.ކަޅައިދޫ، އޯޝަންވިލާ، މުހައްމަދު ނަޖާހު މިނިވަންވެއްޖެއެވެ.

އޭނާ މިނިވަންވެފައިވާކަން ހާމަވީ އަންގާރަ ދުވަހު ހައިކޯޓުގައި އޮތް އިސްތިއުނާފު އަޑުއެހުމުގައި އޭނާ ހާޒިރުވެފައި ނުވުމުން، މިހާރު އޭނާ މިނިވަން ވެއްޖެކަން ފަނޑިޔާރު ހާމަކުރެއްވުމުންނެވެ.

އެ މައްސަލައިގައި ނަޖާހުއަށް ކުރި ގަސްދުގައި މީހަކު މެރުމުގެ ދައުވާގައި ބުނެފައި ވަނީ މ. ކުރަހާގޭ ތެރޭގައި ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުން ދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ 2015 ވަނަ އަހަރު ނިންމައިފަ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމާއެކު ދައުލަތުން އެމައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އިސްތިއުނާފުގެ ޝަރީއަތަށް ނަޖާހު ހާޒިރުކުރުމަށް ކަރެކްޝަނަށް ޗިޓު ފޮނުވުމުން، އާދިއްތަ ދުވަހު އެ ކޯޓަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ނަޖާހުގެ މައްޗަށް ކުރިން ކޮށްފައިވާ ހުކުމާއެކު މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމަށް ރައީސަށް ލިބިދޭ ބާރުގެ ދަށުން ނަޖާހު އެޕްރީލް މަހުގެ ތެރޭގައި މިނިވަން ވެފައިވާ ކަމަށެވެ.

ނަޖާހު މިނިވަންވީ އޭނާ ތަންފީޒު ކުރަމުން އައި މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްވާފައިވާ ޖަލު ހުކުމަކަށް ރައީސް މާފު ދެއްވުމުންނެވެ.

ޝީރީންއަށް ތިން ކައިވެންޏެއްކޮށް ހަތަރު ދަރިން ލިބިފައިވެ އެވެ. އޭގެ ތެރެއިން މިހާރު ދެ ކުދިންނަށް ވަނީ 18 އަހަރުވެފަ އެވެ. އެއް ކުއްޖަކަށް 16 އަހަރު ވެފައިވާ އިރު އަނެއް ކުއްޖާ ވަނީ 2012 ވަނަ އަހަރު ނިޔާވެފަ އެވެ.