ވޯލްޑް ކަޕް ކޮލިފައިން

ޗައިނާ މެޗުން އެއްވަރު ކުރިޔަސް ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ރުފިޔާ

ވޯލްޑް ކަޕްގެ ކޮލިފައިންގައި މިރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ނަތީޖާ އެއްވަރު ކޮށްލެވުނަސް ގައުމީ ޓީމުގެ ކޮންމެ މެމްބަރަކަށް އެއް ލައްކަ ރުފިޔާގެ ބޯނަހެއް ދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފު އެކަން އިއުލާން ކުރެއްވީ، މިރޭ ކުޅޭ މެޗުގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ހޮޓެލް ޖެންގައި ބައްދަލު ކުރައްވައި ވާހަކަދައްކަވަމުންނެވެ.

މަހްލޫފު ވިދާޅުވީ، މިރޭގެ މެޗުން މޮޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑަށް އެދިލައްވާ ކަމެއް ކަމަށެވެ.

އެގޮތުން މިރޭގެ މެޗުން ބަލިނުވެ، ނަތީޖާ އެއްވަރު ކޮށްލިޔަސް ސަރުކާރުގެ ފަރާތުން ކޮންމެ ކުޅުންތެރިޔަކަށާއި ޓީމުގެ މެނޭޖުމެންޓް ކޮންމެ މީހަކަށް އެއް ލައްކަ ރުފިޔާ ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގަލޮޅު ދަނޑުގައި ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 8:00 ގައެވެ.