ޚަބަރު

ސަރުކާރުގެ ނާގާބިލް ކަމުގެ ޝިކާރަ އަކަށް ޅަދަރިން ނުހައްދަވާ: ޑރ. މުއިއްޒު

އާނިފާ ހުސެއިން ސިރާޖް

ސަރުކާރުގެ ނާގާބިލް ކަމުގެ ޝިކާރައަކަށް ޅަ ދަރިން ނުހެދުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ނާގާބިލް ކަމުގެ ޝިކާރައަކަށްވެ، އެކަމުގެ ދެރަ ލިބޭ ބަޔަކީ ޅަ ދަރިން ކަމުގައި ނުހެއްދެވުމަށެވެ.

މުއިއްޒު މިގޮތައް ޓުވީޓުކުރައްވާފައި މިވަނީ މިއަދު ގދ. ފަރެސްމާތޮޑާ، ހުވަދޫ ސްކޫލް ކުދިންގެ އިއްޔެގެ ހެނދުނުގެ ނާސްތާއިން ފުޅަތަކެއް ފެނުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

މިދިޔަ ޖޫން މަހު 11 ގައި މުއިއްޒު ކުރެއްވި ޓުވީޓެއްގައި، މި ސަރުކާރުން ދަރިވަރުންނަށް ނާސްތާ ދޭން ފެށި އިރު، ނާސްތާ ތައްޔާރު ކުރަން ބޭނުން ކުރާ ތަކެއްޗާއި، ތައްޔާރު ކުރާ ގޮތާއި، ތަނާއި، ތައްޔާރު ކޮށްގެން ގެންނަ ގޮތުގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށްފައިނުވާ ކަމަށާއި މި ކަންކަން އިސްލާހު ކުރުމަށް ވަނީ ގޮވާލާފައެވެ.

ގދ. ފަރެސްމާތޮޑާ ހުވަދޫ ސްކޫލް ކުދިންގެ އިއްޔެގެ ހެނދުނުގެ ނާސްތާއިން ފުޅަތަކެއް ފެނުނު މައްސަލައާ ގުޅިގެން އެރަށު ސުކޫލުގެ ޕްރިންސިޕަލް އަބްދުލް ރައޫފް ވިދާޅުވީ އެމައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. މީގެ އިތުރުން މިކަމާއި ގުޅިގެން ސްކޫލުން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ރައޫފު ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފުޅަ ފެނިފައިވަނީ ދަރިވަރުންގެ ނާސްތާއަށްފަހު ބާކީވި ބައިން ޓީޗަރަކު ކާން އުޅުނު ސޭންޑްވިޗެއްގެ ތެރެއިންނެވެ. އަދި އެކަން ސްކޫލްގެ އިސްވެރިންނަށް އަންގައި، ސްކޫލަށް ނާސްތާ ފޯރުކޮށްދޭ ފަރާތަށް ވެސް އަންގާފައިވާކަމަށް ރައޫފު ވިދާޅުވިއެވެ. މީގެ ކުރިން އެ ސްކޫލްގެ ނާސްތާއިން އިސްތަށިފެނިފައިވާ ކަމުގެ އަޑުތަކެއް ވެސް ފެތުރިފައިވެއެވެ.