ޚަބަރު

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ

މަރިޔަމް ޝަހުދާ

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށް މިއަހަރު ބާއްވާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ އަދި ޑރ. ރެޑީސް ހަމަޖައްސައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެކަމާ ގުޅޭ އެއްބަސްވުމުގައި އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އަފްއާލްއެވެ. އަދި އެސްޓީއޯ ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކިއުޓިވް ސެކްރެޓަރީ މަރްޔަމް ޕަރުވީން އަބްދުލް ފައްތާހެވެ.

އޭޑީކޭގެ ނިއުރީ ސާޖަން ޓީމުން އިސްނަގައިގެން ކުރިއަށް ގެންދާ މިއަހަރުގެ ކޮންފަރެންސް ބާއްވަން ހަމަޖެހިފައިވަނީ މިމަހު 17 އިން 19 އަށެވެ. މި ކޮންފަރެންސްގެ މަގުސަދަކީ އެ ދާއިރާގެ ރިސާޗްތަކާއި އާ ހޯދުންތައް އަދި ދާއިރާއިން ލިބިފައިވާ ކުރިއެރުންތައް ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހިއްސާކުރުމުގެ ފުރުސަތެއް ހޯދައިދިނުމެވެ.

އެސްޓީއޯ އިން ބުނީ، މިފަދަ ކޮންފަރެންސެއްގައި އެ ކުންފުނިން ބައިވެރިވުމުގެ މަގްސަދަކީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ ކަންކަމުގައި އެސްޓީއޯއިން ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށް ދިނުން ކަމަށެވެ.

މިއަހަރު ބާއްވާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސަކީ އޭޑީކޭ އިން ކުރިއަށްގެންދާ މިފަދަ ތިންވަނަ ކޮންފަރެންސެވެ.