މިދިޔަ މަހު، ލަކުޑީގެ ނަމުގައި ރާއްޖެއަށް އެތެރެކުރަން އުޅުނު ކާރާއި ޕިކަޕާއި ސއިކަލުތަކެއްގެ މައްސަލައިގައި ދެ އޮފިސަރަކު ސަސްޕެންޑް ކޮށްފިއެވެ.
ޗީފް ކަސްޓަމްސް އޮފިސަރު އައިޝަތު ވިލިނީ "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ވަގަށް ވެހިކަލް އެތެރެކުރަން އުޅުނު މައްސަލާގައި ދެ އޮފިސަރަކު ވަނީ ސަސްޕެންޑް ކޮށްފައި ކަމަށާއި، ސަސްޕެންޑް ކުރީ އެ މައްސަލައިގެ ތަހުގީގު ކުރަމުން ދިއުމުގެ ތެރެއިން އެ ދެ އޮފިސަރުންގެ މައްސަލައެއް ފާހަގަވެގެން ކަމުގައެވެ. އެ ދެ އޮފިސަރުން ސަސްޕެންޑުގައި ބައިތިއްބާނީ ތަހުގީގު ނިމެންދެން ކަމަށްވެސް ވިލިނީ ވިދާޅުވިއެވެ.
ލަކުޑި އެތެރެކުރުމުގެ ނަމުގައި ގެނައި ދެ ކޮންޓެއިނަރެއްގައި ވެހިކަލްތަކެއް ރާއްޖެއަށް އެތެރެ ކުރަމުންދާކަމުގެ މައުލޫމާތު ލިބުމުން ކަސްޓަމާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލު ހޯދައި ކަސްޓަމުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކަސްޓަމްސް އިން ކުރިން ވަނީ ބުނެފައެވެ. އަދި މިވެހިކަލުތަކުގެ ޖުމްލަ ސީ.އެންޑް. އެފްގެ އަގު 586،000 ރުފިޔާއަށް އަންދާޒާ ކުރެވޭއިރު، އެތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 ރުފިޔާ ލިބެންޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލައިގައި އެކުންފުނީގެ އެއްވެސް އިހުމާލެއް ނެތް ކަމަށެވެ.