ވެހިކަލް ދަތުރުތަކާބެހޭ އެޕްލިކޭޝަން ބޭނުންކުރަން ފެށުމުން ޓެކްސީ ދަތުރުތަކެކޭ އެއްގޮތަށް ޕިކަޕާއި ލޮރީ ދަތުރުތަކުގެ އަގުވެސް ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޖުލައިމަހުގެ 31 ވަނަ ދުވަހު ޓްރާންސްޕޯޓުން ވަނީ މާލެ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އަގުތަކެއް ކަނޑައަޅައިފައެވެ. އަދި އެ އަގުތަކަށް ވުރެ ބޮޑުކޮށް ޓެކްސީ ކުރާ ފަރާތްތައް ޖޫރިމަނާކުރަން ހަމަޖައްސައި، އެ މައްސަލައިގައި ތިން ފަހަރަށްވުރެ ގިނަ ފަހަރު ޖޫރިމަނާކޮށްފިނަމަ އެ ކާރަކަށް ދީފައި އޮންނަ ލައިސަންސް ބާތިލު ކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމައިފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އެ ނިންމުމާ ގުޅިގެން ގިނަ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމަކަށްވީ، ޕިކަޕާއި ލޮރީ ދަތުރުތަކުގެ އަގު ކޮންޓްރޯލް ނުކޮށް ހަމައެކަނި ޓެކްސީ ދަތުރުތަކުގެ އަގު ކޮންޓްރޯލް ކުރުމުންނެވެ.
ޓެކްސީ ދަތުރުތަކާ އެއްގޮތަށް ޕިކަޕާއި ލޮރީ ދަތުރުތަކުގެ އަގު ކޮންޓްރޯލް ކުރުމާބެހޭގޮތުން، "ވަން އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ދަތުރުއެޕް ސްޓާޓް ކުރުމުން އޭގެ ދަށަށް ޕިކަޕްތަކާއި ލޮރީތައް ވަންނަން މަޖުބޫރުވާނެ ކަމަށެވެ. އޭރުން ޕިކަޕާއި ލޮރީތަކަށް ވެސް ދަތުރު ކުރެވޭނީ އެޕްގައި ކަނޑައަަޅާފައި އޮންނަ އަގަށް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ޓެކްސީ ދަތުރުތަކުުގެ އަގަށް ގެނައި ބަދަލާގުޅިގެން ހަމަޖެއްސި އާ އުސޫލުގެ ދަށުން އަންނަ އޮކްޓޯބަރު އެކަކުން ފެށިގެން ޓެކްސީތަކަށް ހިދުމަތް ދެވޭނީ ޓެކްސީ ދަތުރުތަކަށް ހާއްސަކޮށް ތައާރަފުކޮށްފައިވާ ކޮންމެވެސް އެއް އެޕެއްގައި ރަޖިސްޓްރީ ކޮށްގެން ކަމަށެވެ.