މިނިސްޓަރު އަހުމަދު މަޙުލޫފް

ގައުމީ ފުޓުބޯޅަ ދަނޑު ޖެހޭނީ ތަޅާލަން، ސްޓޭޑިއަމެއް އެޅުމަށް ފައިސާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން: މަހުލޫފު

އަލީ ރިފްޝާން

ގައުމީ ފުޓުބޯޅަ ދަނޑު ޖެހޭނީ ތަޅާލަން ކަމަށާއި ސްޓޭޑިއަމެއް އެޅުމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަސައްކަތްކުރައްވަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު އެހެން ވިދާޅުވެފައިވަނީ ގައުމީ ފުޓުބޯޅަ ދަނޑުގެ ބަންދުކޮށްފައިވާ ސިޑިބަރިތައް އަލުން ހުޅުވާލުމަށް މިނިސްޓަރު މަހުލޫފާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމާ ބެހޭ މާހިރުންނާ މަޝްވަރާކުރުން މުހިންމު ކަމަށް ބުނެ، ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ކުރި ޓުވީޓަކަށް ޖަވާބުދެއްވަމުންނެވެ.

އެކަމާ ގުޅޭގޮތުން މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަނޑުގެ ސިޑިބަރި ބޭނުން ނުކުރަން ޕްލޭނިން މިނިސްޓްރީން އަންގާފައިވަނިކޮށް، އެތަން ބޭނުންކުރުމުގެ ހުއްދައެއް ނުދެވޭނެ ކަމަށެވެ.

"ރައްޔިތުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމަކަށް ހުއްދައެއް ނުދެވޭނެ. ގަލޮޅު ދަނޑު ޖެހޭނީ ތަޅާލަން. ސްޓޭޑިއަމެއް އަޅަން ފައިސާ ހޯދުމަށް ފޮރިން މިނިސްޓަރު ޝާހިދު މަސައްކަތް އެބަ ކުރައްވާ،" މިނިސްޓަރު ވިދާޅުވިއެވެ.

ދަނޑުގެ އިރުމަތީ ފަރާތު ސިޑިބަރިތަކުގައި ރެނދުލާފައިވާތީ އެ ސަރަހައްދު ބޭނުންކުރުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން ވަނީ އަންގައިފައެވެ. އެހެންކަމުން 11،000 އެއްހާ ސަޕޯޓަރުންގެ ޖާގަ އޮންނަ ގައުމީ ފުޓުބޯޅަ ދަނޑަށް މިހާރު ވަދެވެނީ 3500 އެއްހާ ސަޕޯޓަރުންނަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައެވެ.