އަލީ ރިފްޝާން
ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދަނޑަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ 8:00ގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗު ބައްލަވައިލެއްވުމަށް ރައީސް ސޯލިހު ވަޑައިގަންނަވާނެކަން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
އެ މެޗުގެ ތެރެއިން ގައުމީ ފުޓުބޯޅަ ޓީމުގެ ޖާޒީ ރަސްމީކޮށް އިފުތިތާހުކުރުމަށް ހަމަޖެހިފައިވެއެވެ. ގައުމީ ޖާޒީ ރަސްމީކޮށް އިފުތިތާހުކޮށްދެއްވާނީ ރައީސް ސޯލިހެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ކުޅޭ މެޗަކީ ޗައިނާގެ ފުރަތަމަ މެޗެވެ. ރާއްޖެއިން ވަނީ މީގެ ކުރިން ގުއާމްއާ ދެކޮޅަށް ކުޅެފައެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން ރާއްޖެ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރާއްޖޭގެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.
މިރޭ ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑުގައި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ހިމަނައިފައެވެ. މީގެ ކުރިން ދަގަނޑޭއަށް ގައުމީ ޓީމުން ޖާގަ ގެއްލުނީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ކޯޗު ޕީޓާ ސެގާޓްއާ ޖެހުނު މައްސަލައަކާ ގުޅިގެންނެވެ. މިރޭގެ މެޗުގެ ސްކޮޑުން ދަގަނޑޭއަށް ޖާގަ ދީފައިވަނީ އޭނާ މައާފަށް އެދުމުންނެވެ.