ފޮރިން މިނިސްޓްރީ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 42 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވަަނީ

އާނިފާ ހުސެއިން ސިރާޖް

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 42 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ފުރިހަމައަށް ބައިވެރިވާނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މިއަދު ފަށާފައިވާއިރު،ތިން ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ސެޝަން ނިމެނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއަދުގެ ސެޝަން ފެށިގެން ގޮސްފައިވަނީ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ ރައީސް އެމްބެސެޑަރ ކޮލީ ސެކް ގެ ވާހަކަފުޅުން ކަމަށްވެސް ފޮރިން މިނސިޓްރީން މައުލޫމާތުދެއެވެ.

އެގޮތުން މި ހިނގާ ކައުންސިލް ސެޝަންގައިވެސް ދިވެހިރާއްޖެއިން އެކިއެކި އެޖެންޑާ އައިޓަމްގެ ދަށުން ތަގުރީރު ކުރައްވާނެ ކަމަށާއި، ހާއްސަ މުހިންމުކަމެއްދީ މިޔަންމާގައި ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދޭތެރޭ ހިނގަމުންދާ ލާ އިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލުމުގެ އިތުރުން، ސީރިއާ އަދި ފަލަސްތީނުގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަށް ރާއްޖޭގެ ފަރާތުން ވާހަކަދައްކާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ފޮރިން މިނސްޓްރީން ބުނީ 42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވާނީ، ދިވެހިރާއްޖޭއިން ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ހާލާ ހަމީދު ކަމަށާއި އަދި އެ އެކަމަނާއެކު، އެ އޮފީހުގެ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް ހައުލާ އަހްމަދު ދީދީ، ފަސްޓް ސެކްރެޓަރީ ޝާހިޔާ އަލި މަނިކު އަދި މިނިސްޓްރީގެ ޑެސްކް އޮފިސަރ މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ހިއުމަން ރައިޓްސް ކައުންސިލްއަކީ 47 މެންބަރުން ހިމެނޭ، ދުނިޔޭގެ އިންސާނީ ހައްގުތައް ކުރިއެރުވުމަށް ބާރުއެޅުމަށް އަދި އެކަމާ ގުޅޭ އެންމެ އިސް މަޝްވަރާތަކާ ނިންމުންތައް ނިންމޭ މަޖިލީހެވެ.